ސީރިޔާގެ 25،000 ރެފިއުޖީންނަށް ކެނެޑާގައި އުޅެވޭނެ ގޮތް ހަދައިދޭނެ ކަމަށް ކެނެޑާގެ އާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކެނެޑާގެ އިމިގްރޭޝަން މިނިސްޓާ ޖޯން މެކެލަމް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ސީރިޔާގެ 25،000 ރެފިއުޖީން ސަލާމަތް ކުރުމަކީ ސަރުކާރުގެ އެއް ވައުދެވެ.

"އަޅުގަނޑު އެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން، އަދި ކެނެޑާގެ ރައްޔިތުންގެ ފަރާތުން ވެސް ސީރިއާގެ ރައްްޔިތުންނަށް އެހީ ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" މެކްކެލަމް ވިދާޅުވި އެވެ.

ކެނެޑާގެ ރެފިއުޖީ ސެޓުލްމެންޓު ގްރޫޕުތަކުން ވަނީ ޓްރޫޑޯގެ އެނިންމުމަށް ތާއިދު ކޮށްފަ އެވެ. ނަމަވެސް އެހާ ގިނަ ފަރާތްތަކަށް ދެ މަހުގެ ތެރޭގައި އެހީ ވުމަކީ ކުރެވޭނެ ކަމެއް ކަމާމެދު އެ ޖަމާއަތްތަކުން ވަނީ ޝައްކު އުފައްދާފަ އެވެ.

"ސަލާމަތްކުރާނެ ރެފިއުޖީންގެ ގެ އަދަދު ގިނަ ވިޔަސް އެންމެ ރަނގަޅު. ނަމަވެސް އެހީ ވުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ފެނޭ. 25،000 މީހުންނަށް ދެ މަހުގެ ތެރޭގައި ކެނެޑާގައި ދިރިއުޅޭނެ ގޮތް ހަދާ ދިނުމަކީ ފަސޭހަ ކަމެއް ނޫން،" ކެނޭޑިއަން އިމިގްރޭޝަން ސެޓުލްމަންޓް ސެކްޓާ އެލައަންސްގެ ރައީސް ކްރިސް ފްރީސާ ވިދާޅުވި އެވެ.

ޖަސްޓިން ޓްރޫޑޯ ބޮޑުވަޒީރުގެ މަގާމަށް ހުވާ ކުރައްވާފައި ވަނީ އިއްޔެ އެވެ. ކުރީގެ ސަރުކާރުތަކާއި ހިލާފަށް ޓްރޫޑޯގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރަކަށް ހައްދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކެނެޑާގެ ކުރީގެ ސަރުކާރުން އިތުރު ރެފިއުޖީން ގައުމަށް ވެއްދުމާ ދެކޮޅަށް ނިންމި ނިންމުން ވެގެން ދިޔައީ އޭރުގެ ބޮޑު ވަޒީރު ސްޓެފެން ހާޕާ އަށް ދުނިޔޭގެ ފާޑު ކިޔުންތައް އަމާޒު ވެގެން ދިޔަ ނިންމުމަކަށެވެ.

މައުލޫމާތު: އޭޕީ