05 Nov 2015, 13:29
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އދ. ބޮޑުކާށިހުރާ ފުލުހުން ބަލައި ފާސްކުރަމުން އެބަދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 'ފުލުހުން ކުރަމުން އަންނަ ތަހުގީގެއްގައި' އެރަށް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ބޮޑުކާށިހުރައަކީ މާފަންނު ޝުރާމަންޒިލް ހާމިދު އިސްމާއީލުގެ މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓް ޕްރައިވެޓް ލިމިޓެޑަށް ޓޫރިޒަމް މިނިސްޓްރީ އިން ދޫކޮށްފައިވާ ރަށެކެވެ.
ރާއްޖޭގެ ބައެއް ތަންތަނުން ހަތިޔާރާއި ގޮވާ ތަކެތި ފެނިފައި ވާތީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ފުލުހުން ކޮންމެ ދުވަހަކު ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ހިންގި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫ އިން މިދިޔަ އޮކްޓޯބަރު މަހު ގިނަ އަދަދެއްގެ ހަތިޔާރު ވަނީ ހޯދައިފަ އެވެ.
އާއްމުންގެ ބައެއް މީހުންގެ އަތުގައި ހަތިޔާރު ހުރި ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށް ސިފައިންނާއި ފުލުހުން ބުނުމުން ރާއްޖޭގައި އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.