އިއްޔެގެ މެންދުރު 12 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް މުޅި ރާއްޖެ އަށް އިއުލާނު ކުރި ކުއްލި ނުރައްކަލުގެ މުއްދަތު ކުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ގަރާރަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓިގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ ކަމަށެވެ. އަދި އެއްވެސް ރައީސުލްޖުމްހޫރިއްޔާ އަކު އޭނާގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު ފަދަ ނުރައްކާތެރި ހާލަތެއް އިއުލާނު ކުރަން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުއްދަވެގެންވާ ކަންތައްތަކުގެ ތެރޭގައި ވެސް މީހުންނަށް ގަބޫލު ނުކުރެވޭ ކަންތައްތައް ހުންނާނެ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތަކީ އެއްވެސް ރައީސަކު ކުރަން ބޭނުންވެގެން ކުރާނެ ކަމެއް ނޫން. އެއީ އަޅުގަނޑު ދެކޭ ގޮތް. އަޅުގަނޑު ވެސް ބޭނުމެއް ނުވޭ އަޅުގަނޑުގެ ހައްގުތައް ހިފެހެއްޓިގެން ދާކަށް. އަޅުގަނޑު ބޭނުން ނުވޭ އަޅުގަނޑުގެ ހިނގާ ބިނގާވެ، އަޅުގަނޑު ރާއްޖެ އިން ފުރައިގެން ދިއުމާއި އެނބުރި ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާކަށް. އަޅުގަނޑުގެ ގެެއަށް ވަދެ ތަންތަން ބަލައި ފާސްކުރާކަށް. އަޅުގަނޑުގެ މުއާމަލާތްތައް ބަލައި ފާސްކުރާކަށް އަޅުގަނޑު ބޭނުމެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ވަކި ފަރުދުންގެ ހައްގުތަކަށް ވުރެ އެންމެންގެ ހައްގުތައް އެކުގައި އިސްވާން ޖެހޭ ވަގުތެއް އަންނަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭނާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ތާއީދު ކުރަން ނިންމީ މީޑިއާތަކުން ދައްކާ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު ނޫން ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ ދޫފުޅުން ރައްޔިތުން މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މެމްބަރުންނަށް އެނގެން ޖެހޭ މިންވަރަށް ވުރެ ބޮޑަށް އެމަނިކުފާނު [ރައީސް ޔާމީނު] މަޖިލިސް މެމްބަރުންނަށް ކިޔައިދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރަށް ގައުމަށް ދިމާވެފައިވާ ވާހަކަތައް ރައީސް ޔާމީން ކިޔައިދެއްވައިފި. އެކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން 60 މީހުންގެ ޖަމާއަތެއްގައި ރައީސަކު ކިޔައި ދެއްވާހާ ތަފްސީލުކޮށް ކިޔައިދޭން އަޅުގަނޑު ނޭދޭ ވަރަށް އެއަށް ވުރެ ތަފްސީލުކޮށް ކިޔައިދީފި. އަދި ޑިވެލޮޕްވަމުންދާ ސިޓުއޭޝަން ޑިވެލޮޕުވަމުން ދިޔަ ވަރަކަށް ކިޔައިދީފި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން އެއްވެސް ރައީސަކަށް މަޝްހޫރުކަމެއް އަދި ރައްޔިތުންގެ ލޯތްބެއް ވެސް ނުލިބޭނެ ކަމަށެވެ. އެކަން ރައީސް އަބްދުﷲ ޔާމީނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް މަޝްހޫރު ކަމާއި ތާއީދަށް ވުރެ ބޮޑަށް މީހުން ރުޅިއަންނަ ކަމެއް ކުރަން މިޖެހުނީ ކީއްވެގެން ކަންވެސް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ރައީސުލްޖުމްހޫރިއްޔާއަށް." ނަޝީދު ވިދާޅުވި އެވެ.