ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ބާޓޭ ބޮރިސޯވް 3-0އިން ބަލިކޮށް ދެވަނަ ބުރުގެ ފުރުސަތު ބާސާއިން ބޮޑުކުރި އިރު، ޔޫކްރޭންގެ ޑިނަމޯ ކިއޭވްގެ މައްޗަށް 2-1 އިން ކުރިހޯދައި ޗެލްސީ ގްރޫޕް ޖީގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ބާސާގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކި އިރު، އެޓީމުގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ބާސާއަށް ލީޑުނަގައިދިނީ ނޭމާ އެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު، ނޭމާ ދިން ޕާހަކުން ލުއިސް ސުއަރޭޒް ވަނީ މެޗުގެ 60 ވަނަ މިނެޓްގައި، އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ބާސާގެ ތިންވަނަ ގޯލް، ސުއަރޭޒް ދިން ޕާހަކުން މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ނޭމާ އެވެ.

ބާސެލޯނާ ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ބަޔާ ލެވަކޫސަން އަތުން 3-2 އިން މޮޅުވެގެން ރޯމާ އެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލެވަކޫސަން އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބާޓޭ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ޗެލެސޯގެ ލަނޑު ވިލިއަން ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ:އޭޕީ

ޗެމްޕިއަންސް ލގު ފުޓްބޯޅަ މުބާރާތުގައި ރޭ ޑީނަމޯ ކިއޭވް އަތުން 2-1އިން މޮޅުވުމަކީ އޭނާ އާއި ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކިއޭވްގެ އެލެގްޒެންޑާ ޑްރަގޮވިޗްގައި ކުރިއައް ދިޔަ އެމެޗްގައި ޗެލްސީ މޮޅުކޮށްދިނީ 83 ވަނަ މިނިޓްގައި ވިލިއަން އެވެ. ޗެލްސީގެ ފުރަތަމަ ލަނޑަކީ ޑްރަގޮވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން އޭނާ ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ.

މި މޮޅާއެކު ޗެލްސީ އޮތީ، ގްރޫޕް ޖީގެ ދެވަނައިގައި 7 ޕޮއިންޓާއެކީގަ އެވެ. މި ގްރޫޕްގެ އެއްވަނައިގައި 10 ޕޮއިންޓާއެކީ ޕޯޓޯ އޮތްއިރު، ތިންވަނައިގައި ފަސް ޕޮއިންޓާއެކީ އޮތީ ކިއެވް އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް އިސްރާއީލްގެ މެކަބީ ތެލްއަވީވް ވަނީ، މުބާރާތުން ކަޓައިފަ އެވެ.

މި ގްރޫޕްގައި ރޭ ޕޯޓޯ އިން ވަނީ، މެކަބީ ތެލްއަވީވްގެ މައްޗަށް ފަސޭހަކަމާއެކީ 1-3 ގެ ނަތީޖާއިން ކުރި ހޯދައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ، ރަށުން ބޭރުގައި މެކަބީ ތެލްއަވީވްއާ އެވެ.