އައްޑު އަތޮޅުން ޏ. ފުވައްމުލަކަށް ދިޔަ ފެރީ އަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 2:30 ގައި އައްޑޫން ފުވައްމުލަކަށް ދިޔަ ފެރީ އަކުން މަސްތުވާތަކެތީ އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ސ. ފޭދޫ ވަސްމީރުގޭ މުހައްމަދު ޝިމާޒު،22، ސ. ފޭދޫ ތަރި އަހުމަދު ނަޝާތު، 25، ކަމަށެވެ. އަދި ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ފުނާޑު ހަސަން މުހައްމަދު، 19، އާއި ހަމަ އެ އަވަށު އަހުމަދު އަރީފް، 20، ކަމަށެވެ.

އެ ހަތަރު މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރު ކުރި ޝިމާޒަކީ ފުލުހުން ޕެޓްރޯލް ކުރަމުންދިޔަ ވެހިކަލަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި ނަޝާތަކީ ރިސޯޓެއްގެ ބާއެއް ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ. މީގެ އިތުރުން ހަސަން އަހުމަދާއި އަރީފަކީ މާރާމާރީގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ބްލެޓް ސައިޒްގެ ދެ ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފުރެންދެން އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ހިމެނޭ ކަމަށެވެ.