ޕާކިސްތާނުގެ ލާހޯރުގައި ހަތަރު ފަންގިފިލާއަށް ނަގާފައި ހުރި ޕްލާސްޓިކް ކޮތަޅު އުފައްދާ ފެކްޓަރީއެއް ބުދަ ދުވަހު ވެއްޓުމުގެ ސަބަބަން 15 މީހަކު މަރުވެއްޖެ އެވެ.

ލާހޯރުގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އުސްމާނު ބުނި ގޮތުގައި ހާދިސާގެ ސަބަބުން 15 މީހަކު މަރުވެ 70 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. އަނިޔާވި މީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އޭނާ ބުންޏެވެ.

ޕަންޖާބުގެ ސިއްހީ އެޑްވައިޒަރެއް ކަމަށްވާ ސަލްމާން ރަފީގު ބުނީ އިމާރާތް ވެއްޓިފައި ވަނީ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށެވެ.

ސަލާމަތީ ފަރާތްތަކުން ބުނި ގޮތުގައި ބިލްޑިންގު ވެއްޓުނު އިރު ފެކްޓަރީގެ ތެރޭގައި 150 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން 100 ވަރަކަށް މީހުން ބިލްޑިންގުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ އެ ހާދިސާ ހިންގުމުގެ ސަބަބުން ހިތާމަ ފާޅުކުރައްވައި ބިލްޑިންގުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރިއަށް ގެންދިޔުމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން 2012ގައި، ލާހޯރުގެ ބޭސް އުފައްދާ ފެކްޓަރީއެއް ވެއްޓުމުގެ ސަބަބުން 15 މީހުން މަރުވެފައިވެ އެވެ.

މައުލޫމާތު: ސީއެންއެން