05 Nov 2015, 10:45
ހާބަރު ސަރަހައްދުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން ކަމަށް ސިފައިން ބުނެފި އެވެ.
ސިފައިން މިއަދު ވަނީ ގޮތްނޭނގޭ ޑިވައިސްއެއް ހާބަރު ސަރަހައްދުން ފެނިގެން އެސަރަހައްދު ބަންދުކޮށްފަ އެވެ. އެއާ އެކު އޭތި ވަނީ ތަހުލީލަށް ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ހާބަރު ސަރަހައްދުން ފެނުނީ "އަސްލުއެއްޗެއް ނޫން" ކަމަށެވެ.

ގޮވާޒާތުގެ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ހާބަރު ސަރަހައްދު ބަންދުކޮށްފައި --- ފޮޓޯ: ކިޔުންތެރިއެއް
ހާބަރު ކައިރީގައި އެއްޗެއް އޮތް ކަމަށް ބެލެވިގެން، ބޮޑު ސަރަހައްދެއް ބަންދު ކުރުމަށް ފަހު، އެ ޑިވައިސް އޮތް ކަމަށް ބުނާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔައީ އެމްއެމްޑީއެފްގެ އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުންނެވެ.

އިއްޔެ ވެސް ވަނީ ގޮވާޒާތުގެ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސްޓެލްކޯ ސަރަހައްދު ބަންދުކޮށްފަ އެވެ. އީއޯޑީ ޓީމުން ތަހުގީގު ކުރުމަށް ފަހު ބުނީ ސްޓެލްކޯ ކައިރިން ދޮން އަދަރާދަހިނގުމާއި އަމީނީމަގާ ގުޅޭ ކަންމަތީގައި އޮތް ވެހިކަލެއްގެ ތެރެއިން ފެނުނީ ބޮމެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.