05 Nov 2015, 10:49
ރާއްޖޭގައި އުޅޭ އިރު ރައްކާތެރިވެ، ސަމާލުވުމަށް އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން އެގައުމުގެ ރައްޔިތުންނަށް ގޮވާލައިފި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އޮސްޓްރޭލިއާ އިން އިއްޔެ ނެރުނު ޓްރެވެލް އެޑްވައިސްގައި ބުނެފައި ވަނީ އެގައުމުގެ ރައްޔިތުން ވެރިރަށް މާލޭގައި އުޅޭ އިރު އަމިއްލަ ސަލާމަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށާއި ރާއްޖޭގައި އެހެން ރަށްރަށުގައި އުޅޭ އިރު ވެސް އާއްމުގޮތެއްގައި ސަމާލުވުމަށް އިރުޝާދުދޭ ކަމަށެވެ.
މާލޭގައި އުޅޭ އިރު ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެނީ މަދަނީ އުތުރިއެރުމެއް ނުވަތަ ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ ކުރިމަތި ވެދާނެ ތީ ކަމަށް ވެސް އޮސްޓްރޭލިއާގެ ޓްރެވެލް އެޑްވައިސްގައި ބުނެފައިވެ އެވެ.
އިނގިރޭސިވިލާތުން އެގައުމުގެ ރައްޔިތުންނަށް ދިން އިރުޝާދުގައި ބުނެފައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިޔަސް ރިސޯޓްތަކަށް އަސަރެއް ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުޅޭ އިނގިރޭސި ރައްޔިތުން އިތުރަށް ސަމާލުވަމަށާއި ލޯކަލް އެންގުންތަކަށް ތަބާ ވުމަށް އެ އިރުޝާދުގައި ގޮވާލާފައިވެ އެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިއްޔެ ވިދާޅުވެފައި ވަނީ ރާއްޖޭގެ ރިސޯޓްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
"...އަޅުގަނޑުމެންގެ ރިސޯޓްތަކުގެ ސަލާމަތްތެރިކަން އޮތީ ނުރައްކަލުގެ ތެރޭގައެއް ނޫން. އެހެން ގޮތަކަށް ކަނޑައަޅާނެ ހެއްކެތް އަޅުގަނޑުމެންނަކަށް ނުލިބޭ. ރިޔާރަތްކުރާ ބައިނަލް އަގުވާމީ ފަރާތްތަކަށް ދިވެހިރާއްޖެއަކީ ރައްކާތެރި ތަނެއް،" ދުންޔާ އިއްޔެ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.