ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލު ކުރި މެޗް ނިމުމަށްފަހު އެންމެ އަޅައިގަތް މަންޒަރަކީ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގޮސް ޕީއެސްޖީގެ ކޯޗް ލޯރެންޓް ބްލެންކާ ސަލާމްކޮށްލުމަށްފަހު، ބްލެންކް ކަންފަތް ކައިރީ 'ސިއްރު ވާހަކަ' ތަކެއް ބުނުމެވެ.

ފްރާންސްގެ އެންމެ ބޮޑު ކުޅިވަރު ނޫސް 'ލިކީޕް'ގެ އޮންލައިންގައި ރޮނާލްޑޯއާއި ބްލެންކްގެ 'މުއާމަލާތް' ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓް ޢާންމުކުރުމަށްފަހު ލިކީޕްއިން ވަނީ ލޯރެންޓާ ރޮނާލްޑޯއާ ދެމެދު ދެކެވުނު ކަމަށް "ލަފާ ކުރެވޭ" ވާހަކަތައް ހާމަކޮށްފައެވެ.

ލިކީޕް "ލަފާކޮށްފައި" ބުނެފައިވަނީ ރެއާލްއާ ދެކޮޅަށް ޕީއެސްޖީއިން ކުޅުނީ ރަނގަޅު ގޭމެއް ކަމަށް ރޮނާލްޑޯ ބުނެފައިވާ ކަމަށެވެ. އަދި އަހަރަކު 20 މިލިއަން ޔޫރޯ ދޭގޮތަށް އަންނަ އަހަރު ޕީއެސްޖީއަށް (ރޮނާލްޑޯ) ކުޅެން ތައްޔާރަށް ހުރި ވާހަކަ ނާސިރު (ޕީއެސްޖީގެ ވެރިޔާ) އަށް ދަންވައި ދިނުމަށް އެދިފައިވާ ކަމަށެވެ.

ރޮނާލްޑޯ ދެން ބުނި ވާހަކައެށް ކަމަށް ލިކީޕް "ލަފާ ކޮށްފައިވަނީ" ރޮނާލްޑޯ ޕީއެސްޖީއާ ގުޅޭނީ ރެއާލްގެ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ވެސް އޭނާއާއެކު ޕީއެސްޖީއަށް ގެންދާނަމަ ކަމަށެވެ.

ޕީއެސްޖީން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ރޮނާލްޑޯ ގެންދަން 150 މިލިއަން ޔޫރޯ ރެއާލްއަށް ހުށަހަޅައިފައެވެ.

ނަމަވެސް ލިކީޕްއިން ލަފާކޮށްފައިވާ ކަންތައްތަކުގެ ވާހަކައަށް ރޮނާލްޑޯ ވަކި އެއްޗެއް ބުނެފައި ނުވާއިރު މެޗަށްފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި އެކަމާ ބެހޭގޮތުން ބްލެންކްއާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ރޮނާލްޑޯ ކުރީ ތައުރީފް ކަމަށާއި އެކަމާ ބެހޭގޮތުން އިތުރުއެއްޗެއް ބުނަން ނުވިސްނާ ކަމަށެވެ.

"ރޮނާލްޑޯ ވާހަކަ ތަކެއް ބުނި. އޭނާ ކުރީ ތައުރީފް. އެކަމަކު އަހަރެން އިތުރަކަށް މިވާހަކަ ނުބުނާނަން،" ކުރިން ފްރާންސްގެ ގައުމީ ޓީމަށްވެސް ކޯޗްކޮށްދީފައިވާ ބްލެންކް ބުންޏެވެ.

ރޮނާލްޑޯއާއި ބްލެންކްގެ 'މުއާމަލާތާ ބެހޭގޮތުން' ސްޕެއިން ކުޅިވަރު ނޫސް އޭއެސްއިން ބުނެފައިވަނީ ރޮނާލްޑޯ އެގޮތަށް ކަންކުރީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗްގައި ރޮނާލްޑޯގެ ފަރާތުން ފެނުނު "ދަށް ކުޅުމުގެ" ސަބަބުން އެކަމުގެ މާޔޫސްކަން ފިލުވާލައި، މީޑިއާގެ ސަމާލުކަން އެހެންދިމާލަކަށް އަނބުރާލަން ކަމަށެވެ.