05 Nov 2015, 12:24
ކުއްލި ނުރައްކަލުގެ ޙާލަތުގައި ތަންތަން ބަލައި ފާސްކޮށް ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުމުގައި ޚާއްޞަ އުޞޫލުގެ ދަށުން ޢަމަލުކުރާނީ ފުލުހުން ތަޙުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ޙާދިސާގެ ތަޙުގީގު އެ ތަޙުގީގާ ގުޅިގެން ފުލުހުން ތަޙުގީގު ކުރަމުންދާ ބޮޑެތި މައްސަލަތަކުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ފުލުހުންގެ މުއައްސަސާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ ފުލުހުންގެ ކޮމިޝަންގެ އޮފިސަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ނޯތުވިންގުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ ޢާއްމު މައްސަލަތަކުގައި ތަންތަން ބަލައި ފާސްކޮށް މީހުން ހައްޔަރުކުރަން ޖެހޭ ޙާލަތްތަކުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން މިގޮތުން ގޯތި ގެދޮރާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ޖެހޭ ތަންތަން ބަލައި ފާސްކުރާނީ ކޯޓު އަމުރު ހޯދައިގެން ކަމަށާއި ޢާއްމު މައްސަލަތަކާ ގުޅިގެން ކުށުގެ ވެށިން ނޫން ގޮތަކަށް މީހަކު ހައްޔަރުކުރަން ޖެހޭ ނަމަ ކޯޓު އަމުރު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގައި ގާނޫނީ ގޮތުން ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތް އޮފިސަރުންނާ ޙިއްސާ ކުރައްވަމުން މުޙައްމަދު ރިޔާޒް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން ޢާއްމު ދަތުރުފަތުރު ހުއްޓިގެން ނުދާނެ ކަމަށެވެ. އަދި އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތަކަށާ ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކަށް ވެސް އެއްވެސް ބަދަލެއް ގެނެވިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލަތަކުގެތެރެއިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަޙުގީގާއި އެ އާގުޅިގެން ފުލުހުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތަޙުގީގު މަސައްކަތްތަކުގައި ޢަމަލުކުރަމުންދާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިފައިންނާއި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް ނުފެންނަ ކަމަށެވެ. އަދި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާތީއާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހައްޓާފައިވާ ހައްގުތައް:
- ގާނޫނު އަސާސީގެ 19 ވަނަ މާއްދާ
- ގާނޫނު އަސާސީގެ 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުމުގެ ހައްގު)
- ގާނޫނު އަސާސީގެ 31 ވަނަ މާއްދާ (ހަޅުތާލު ކުރުމުގެ ހައްގު)
- ގާނޫނު އަސާސީގެ 32 ވަނަ މާއްދާ (އެއްވެ އުޅުމުގެ މިނިވަންކަން)
- ގާނޫނު އަސާސީގެ 41 ވަނަ މާއްދާ (ދަތުރުފަތުރު ކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން )
- ގާނޫނު އަސާސީގެ 45 ވަނަ މާއްދާ (ހައްޔަރުކުރުމާއި ބަންދުކުރުން ފިޔަވައި ދެން ހުރި ހައްގުތައް )
- ގާނޫނު އަސާސީގެ 47 ވަނަ މާއްދާ (މީހެއްގެ ގަޔަށް އަތްލައި ފާސްކޮށް މީހެއްގެ އެއްޗެއް ގަދަކަމުން އަތްލުމުގެ ހައްގު)