ދައުލަތުގެ އިސްވެރިންތަކަކަށް އިންޓަނެޓުން ބިރުދައްކައި، "ބްލެކް މައިލް" ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 14 މީހުންގެ ތެރެއިން ތިން މީހަކު ގޭ ބަންދަށް ބަދަލުކޮށް، ތިން މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހައްޔަރުގައި ބޭތިއްބުމަށް ނުފެންނަށް ކަމަށް ބުނެ، ބުރާސްފަތި ދުވަހު ކޯޓުން ތިން މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތިން މީހަކު ގޭބަންދަށް ބަދަލުކޮށްފައިވާ އިރު އެ ތިން މީހުންނާ އެކު މިހާރު ހައްޔަރުގައި ތިބީ ހަތް މީހުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ ގިނަ ޢަދަދެއްގެ މީހުންގެ އޮރިޔާން މަންޒަރާއި ބަދުއަޚްލާގީ ޢަމަލުތައް ދައްކުވައިދޭ ވީޑީއޯ އާއި ފޮޓޯ ބޭނުންކޮށްގެން ބައެއް ފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލްކޮށްގެން ފައިސާ އަތުލުމާއި އެކިބާވަތްތަކުގެ ނާޖާޢިޒް ފައިދާ ނަގަމުންދާ މައްސަލައިގާ ޖުމްލަ 14 މީހަކު ހައްޔަރުކުރި އެވެ. އެއީ އައްޑޫން 10 މީހަކާއި މާލެ އިން ހަތަރު މީހުން ނެވެ.

އަދި އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ. މާލެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެ ކުއްޖާ ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލައިގައި އައްޑޫން ފުރަތަމަ ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހަކު މަޢުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައިވެ އެވެ.

މީގެ ތިން މަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަން ފެށި ބްލެކްމެއިލްގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާތާ ދެ މަސް ވެފައިވާ އިރު މިހާތަނަށް ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި ބައެއް ވީޑިއޯތަކުގައި ފެންނަ ކަމަށް ބުނާ ބައެއް ފަރާތްތައް މިހާރު އުޅެމުންދަނީ ރާއްޖޭން ބޭރުގައި ކަމަށް ވެސް ވަނީ އަޑުފެތުރިފައިވެ އެވެ.

ދައުލަތުގެ އިސްވެރިންތަކެއް ބަރަހަނާވެފައިވާ މަންޒަރުތައް ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯތަކެއްގެ މައްސަލަ ފެންމަތިވެފައި ވާއިރު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ގދ. ތިނަދޫގައި ބޭއްވި އެތުލެޓިކްސް މުބާރާތެއްގައި ބައިވެރިވުމަށް އެތުލީޓުންތަކެއް ގޮވައިގެން އެ ރަށަށް ދިޔަ ފުވައްމުލަކު އަންހެން އޮފިޝަލުންތަކެއްގެ ބަރަހާނާ މަންޒަރުތައް ވީޑިއޯކޮށް، އެތަކެތި ލީކްކޮށްލި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ދައުލަތުގެ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ލީކުވުމާ ގުޅިގެން ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަރަށް ބޮޑު "ބަދުނާމެއް" ތަހަމަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެ އަމަލު ހިންގެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެންވޯއި ފޯ ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފައި ހުންނެވި އަހްމަދު ޝަފީގު )ސައްޕެ( ވަނީ ވިދާޅުވެފަ އެވެ.