05 Nov 2015, 10:20
މޮސްކޯ (ނޮވެމްބަރު 5) : މިސްރުގެ ސައިނާ ސަރަހައްދަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓުގެ ކަޅުފޮށީގެ ތަހްލީލްތަކުން އެބޯޓުގައި ވަރަށް ބާރުގަދަ ގޮވުމެއް ގޮވިކަން ހާމަވެއްޖެއެވެ.
ކަޅުފޮށީގެ ބަޔާންތައް ތަހްލީލްކުރާ މުހައްގިގުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެބޯޓުގައި ވަރަށް ބާރުގަދަ ގޮވުމެއް ގޮވިއަޑު އެއިން އިވިފައިވެއެވެ. ނަމަވެސް މިއީ އެބޯޓުގެ އެތެރޭން ގޮވި ގޮވުމެއްކަން ނޫނީ ބޭރުން ގޮވި ގޮވުމެއްކަން ސާފުނުވާކަމަށްވެއެވެ. ކަޅު ފޮށީގެ ތަހްލީލް ތައް މުޅިން ފައިނަލްކުރުމަށް އަދިވެސް ދުވަސްތަކެއް ނަގާނެކަމަށްވެއެވެ.
އަނެއްކޮޅުން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީ.އައި.އޭ) ބުނާގޮތުން ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވެއްޓުނު ކަމަށް ބެލެވެނީ އެބޯޓުގެ އެތެރޭގައި ބޮމެއް ގޮވުމުގެ ސަބަބުންނެވެ. އެބޮމަކީ އައިއެސް ޖަމާއަތުން އެބޯޓުގެ އެތެރެއަށް ލާފައިވާ ބޮމެއްކަމަށް ވެދާނެ ކަމަށާ ބޮން ލާފައިވަނީ ލަގެޖެއްގެ ތެރެއިން ކަމަށްވެދާނެ ކަމަށްވެސް ސީ.އައި.އޭ ގެ މަސްއޫލުވެރިއަކާ ހަވާލާދީ ސީ.އެން.އެން ބުނެއެވެ.
އިނގިރޭސި ސަރުކާރުންވެސް ވަނީ ރަޝިޔާގެ މަތިންދާބޯޓު ސައިނާއަށް ވެއްޓުނީ އެބޯޓުގެ އެތެރޭގައި ބޮމެއް ގޮވުމުގެ ސަބަބުން ކަމަށް ވެދާނެކަމަށް ބުނެފައެވެ. އައިއެސް ޖަމާއަތުން ބުނެފައިވަނީ ރަޝިޔާގެ މަތިންދާބޯޓު ވައްޓާލީ މިސްރުގައި ހަރަކާތްތެރިވާ އެޖަމާއަތުގެ ގޮތްޕެއް ކަމަށްވާ "ވިލާޔަތު ސައިނާ" ޖަމާއަތުން ދިން ރޮކެޓް ހަމަލާއެއްގައި ކަމުގައެވެ. ނަމަވެސް ރަޝިޔާގެބޯޓު އުދުހެމުންދިޔައީ 30 ހާސް ފޫޓަށްވުރެ މަތިންކަމަށްވާތީ އެހާމައްޗަށް ހަމަލާދިނުމުގެ ގާބިލްކަން "ވިލާޔަތު ސައިނާ" ޖަމާއަތަށް ލިބިފައިނުވާކަމަށް ރަޝިޔާއިން ބުނެއެވެ. އައިއެސް އިން އިއްޔެ އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވައްޓާލީ އެޖަމާއަތުންކަމަށް ޝައްކުކުރާނެ އެއްވެސް ޖާގައެއްނެތް ކަމަށާ އެބޯޓު ވައްޓާލިގޮތް ވަރަށް އަވަހަށް ދުނިޔެއަށް ދައްކާލާނެކަމުގައެވެ. (ނޫސްއެޖެންސީތައް)