ރާއްޖޭގެ ރިސޯޓްތަކުގެ ސަލަމާތަށް ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނީ " ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލް އަގުވާމީ ފަރާތްތަކަށް ރާއްޖެއަކީ ރައްކާތެރި ތަނެއް" ކަމަށެވެ.

"...އަޅުގަނޑުމެންގެ ރިސޯޓްތަކުގެ ސަލާމަތްތެރިކަން އޮތީ ނުރައްކަލުގެ ތެރޭގައެއް ނޫން. އެހެން ގޮތަކަށް ކަނޑައަޅާނެ ހެއްކެތް އަޅުގަނޑުމެންނަކަށް ނުލިބޭ. ރިޔާރަތްކުރާ ބައިނަލް އަގުވާމީ ފަރާތްތަކަށް ދިވެހިރާއްޖެއަކީ ރައްކާތެރި ތަނެއް،" ދުންޔާ އިއްޔެ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބޭނުމަކީ ސިޔާސީ، ދީނީ ނުވަތަ އެނޫން މަގުސަދެއްގައި ވިޔަސް ގެއްލުންދީ ހަމަޖެހުން ނަގައިލުމަށް މަސައްކަތް ކުރާ ބަޔަކަށް ރާއްޖޭގައި ޖާގަ ނެތްކަމުގެ ސާފު މެސެޖެއް ދިނުން ކަމަށެވެ.

"... އަޅުގަނޑުމެންނަކީ ޒުވާން، ކުރިއަރަމުން އަންނަ ޑިމޮކްރަސީއެއް. އަދި އެ އުސޫލުތައް ނެގެހެއްޓުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ސަލާމަތަށް ހުރި ނުރައްކާތަކެއް ފާއިތުވި ހަފުތާގައި ފާޅުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެފިޔަވަޅު ނާޅައި އޮއްވައި، ބޮމެއް ގޮވުން ފަދަ ކަމެއް ހިނގައިފި ނަމަ ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރެއްވީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާގުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ހާދިސާއަށް ފަހު ފުލުހުންނާއި ސިފައިން ހިންގާ ޚާއްސަ އޮޕަރޭޝަންގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާތާއި ގޮވާތަކެތި ފެނިފައިވާ ކަމަށެވެ. އަދިވެސް ބައެއް ހަތިޔާރުތައް ފެނިފައިނުވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ބަންޑާރަ ނައިބު އިއްޔެ ވިދާޅުވީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ދަށުން އެ ގަރާރު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށެވެ.

ގާނޫނު އަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ދައުރެއްގައި އެ ގަރާރު ހުށަހަޅައިފި ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

އެ ގަރާރު އެއްކޮށް ފާސްނުކޮށް އޭގެ ވަކި ބައެއް ފާސްކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ގާނޫނު އަސާސީން ލިބިދިފަ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެ ގަރާރުގެ ދަށުން ހައްގުތައް ހިފަހައްޓާނީ އެ ހާލަތެއްގައި އެހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓަން ޖެހޭ މިންވަރަށް ކަމަށެވެ.

ކާފިޔު ހިންގުމާއި ވަކިވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށްފައިނުވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.