05 Nov 2015, 09:50
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ސަބަބުން ގައުމުގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އެއްވެ އުޅުމުގެ ހައްގު ދިނުމަށް އެމެރިކާއިން ގޮވާލައިފި އެވެ.
އެމެރިކާގެ ވޮޝިންޓަން އިން ނެރުނު ނޫސްބަޔާނެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ހަނިވެފައިވާ އިންސާނީ ހައްގުތަކާއި، ޒާތީ މިނިވަންކަން އަނބުރާ ދިނުމަށް ގޮވާލާ ކަމަށެވެ. އެގޮތުން ކުއްލި ހާލަތުގެ ސަބަބުން ހަނިކުރެވިފައިވާ ހަޅުތާލު ކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ ހައްގު އަނބުރާ ދިނުމަށާއި ގާނޫނާއި ހިލާފަށް ހައްޔަރުކުރުމާއި ބަންދުކުރުމުގެ މިނިވަންކަން ނުދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ގައުމު އާއްމު ހާލަަތަށް ރުޖޫއަ ކުރުމަށާއި، ސިޔާސީ ސަބަބު ތަކާ ހެދި މީހުން ހައްޔަރު ނުކުރުމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އެ ނޫސްބަޔާނުގައި ރާއްޖޭގެ ސަރުކާރަށް އެމެރިކާއިން ގޮވާލާފައި އެވެ.
ގައުމުގެ ސަރުކާރުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކޮށް އެ މިނިވަން ރައްކާތެރިކުރުމަކީ ދެމެހެއްޓެނިވި ޑިމޮކްރަސީއެއް ގައުމުގައި އޮތުމަށްޓަކައި މުހިންމު ކަމެއް ކަމަށް ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.