ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކުން އިނގިރޭސިވިލާތުގެ އާސެނަލް 5-1އިން ބަލިކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އާސެނަލް ކޮޅަށް ފަސް ލަނޑު ޖެހީ މި ދެ ޓީމު އިނގިރޭސިވިލާތުގައި ކުޅުނު މެޗު 2-0އިން އާސެނަލް ކާމިޔާބުކޮށްފައި ވަނިކޮށެވެ. އަދި މެޗުން ބަލިވުމުން ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު އާސެނަލް އަށް ވަނީ ގެއްލިފަ އެވެ.

ރޭގެ މެޗުން ބަލިވޔުމާ އެކު އާސެނަލް އޮތީ ގްރޫޕްގެ އެފްގެ ތިންވަނާގައި ތިން ޕޮއިންޓާއެކީގައެވެ. ގްރޫޕްގެ ދެ ވަނައިގައި ނުވަ ޕޮއިންޓާއެކީ އޮލިމްޕިއާކޯސް އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ، ބަޔާނެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާއެކީ އޮތީ ޑައިނަމޯ ޒެގްރެބްއެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ބަޔާންއާއި އާސެނަލް ބައްދަލު ކުރި މެޗްގައި ބަޔާންގެ މުލާ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ދިނީ 10 ވަނަ މިނިޓްގައި ރޮބަޓް ލެވޮންޑޯސްކީ އެވެ. އެގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ތޯމަސް މުލާ އާއި ޑޭވިޑް އަލްބާ ނަތިޖާ 3-0އިން ބަދަލުކޮށްލި އެވެ.

ބަޔާންގެ ހަތަރު ވަނަ ގޯލް، ބަދަލު ކުޅުންތެރިއެއްެ ގޮތުގައި މި މެޗުގައި ކުޅެން އެރި އާރެޔަން ރޮބެން ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ގޯލް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ، މުލާއެވެ.

އާސެނަލްގެ ހަމައެކަނި ގޯލް މި މެޗުގައި ކާމިޔާބުކޮށްދިނީ، އޮލިވިއޭ ޖިރޫޑްއެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލްއިން ދެން ބައްދަލުކުރާނީ، އަމިއްލަ ދަނޑުގައި ޑައިނަމޯ ޒެގްރެބްއާއެވެ. ބަޔާން ބައްދަލުކުރާނީ، ގްރީސްގެ އޮލިމްޕިއާކޯސްއާއެވެ.

މި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމަށް ދެ ވަނަ ބުރަށް ދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ހަނިވެއްޖެ ކަމަށެވެ.

"ބަޔާންގެ ފަރާތުން ފެނިގެންދިޔައީ މޮޅުވުން ހައްގު ކުޅުމުއް. އަހަރުމެން އަމިއްލަ އަށް އެމީހުންނަށް މާބޮޑަށް މެޗު ފަސޭހަކޮށްދިނީ. މިހާރު އަހަރުމެންނަށް ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފައި،" ކޯޗު ބުންޏެވެ.