Last Updated:
1 decade 3 week ago

ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސްކޮށްފި

  • ކުއްލި ނުރައްކާ އިއުލާން ކުރަން މާ ބޮޑަށް ލަސްވެއްޖެ ކަމަށް ގާސިމް ވިދާޅުވި. އަދި ކުއްލި ނުރައްކަލުގެ މުއްދަތު ކުރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވި. ގަރާރަށް ތާއިދު ނުކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި. އަދީބަށް ޖަވާބުދާރީވާން ދިން މުއްދަތު ކުޑަ ކުރުމަކީ އިންސާފެއް ނޫން ކަމަށް އިންތި ވިދާޅުވި. ގަރާރު ފާސް ކުރަން ޕީޕީއެމްގެ ފަރާތުން ނިހާން ވަނީ ހުށަހަޅުއްވާފައި.
ބުލޮގު ޚުލާސާ

ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރު ފެނިފައިވާތީ އާއި އަދި އޭގެ ތެރެއިން ބައެއް ހަތިޔާރު މަދުވާތީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ގަރާރަށް މަޖިލީހުގައި ބަހުސް ކުރަން ތައްޔާރުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބަހުސް ކުރަން ފަށާނީ 11:00 ގަ އެވެ. ބަހުސް ކުރަން ހުޅުވާލާ ފުރުސަތުގައި އެ ގަރާރާ ގުޅޭ ގޮތުން ހުށަހެޅުން ހުށަހަޅައި، ވޯޓަށް އެހުމުގެ ފުރުސަތު ދޭ ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ގަރާރާ ގުޅޭ ގޮތުން މަޖިލީހުން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ބުނެފައެއް ނުވެ އެވެ.

އެހެންކަމުން އެ ގަރާރާމެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާފައި ވަނީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހުށަހެޅުއްވި ހުށަހެޅުންތައް މަޖިލީހުގެ ތަޅުމަށް ވޯޓަށް އަހައިގެންނެވެ.

ގާނޫނޫ އަސާސީގެ 257 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ (ދެ ދުވަސް) ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާ ގުޅިގެން ކޮންމެ ވަގުތެއްގައިމެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ގަރާރު ބާތިލު ކުރުމަށް މަޖިލީހުން ފާސްކޮށްފިނަމަ ގަރާރަށް އަމަލު ކުރުމަށްޓަކައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި ނެރެފައިވާ އަމުރުތައް ބާތިލްވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނެރޭ ގަރާރުގެ މުއްދަތު ހަމަވުމުން ވެސް އެ ގަރާރާ ގުޅިގެން ހަދާފައިވާ ގާނޫނުތަކާއި އަމުރުތައް ބާތިލްވާނެ ކަމަށެވެ.

14:08

އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ނައިބު ރައީސް އަދީބު މާލެ ނުގެންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ

12:37

މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރުފަހު 2:30 ގައި އޮންނާނެ ކަމަށް ރިޔާސަތުން އިއުލާންކޮށްފި.

12:28

ގަރާރު މަޖިލީހުން ފާސްކޮށްފި. ގަރާރު ފާސްކުރީ 58 މެމްބަރުންގެ ވޯޓުން. ގަރާރު ފާސްކުރުމާ ދެކޮޅަށް 14 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ނުޖެހި 3 މެމްބަރަކު ތަޅުމުގައި ތިއްބެވި.

12:25

ގަރާރު ފާސްކުރަން ވޯޓަށް އެހުމަށް، ފަސް މިނިޓުގެ ވަގުތެއް މެމްބަރުންނަށް ދީފި.

12:24

ގަރާރަށް ބަހުސް ކުރުން ނިންމާލައިފި. ބަހުސް ނިންމާލިއިރު ޕީޕީއެމްގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދެއްކުމަށް އެދިވަޑައިގެންފައި

12:21

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ގަރާރަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވައިފި. އޭނާ ވިދާޅުވީ މިފަހަ ހާލަތުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް.

12:17

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވާހަކަފުޅު ދައްކަވައިފި. އޭނާ ސަރުކާރަށް ފާޑުވިދާޅުވި.

12:12

ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިބާހު ބާއްވަން ގާނޫނު އަސާސީގައި ބުނާ މުއްދަތަށް އިންތިހާބު ބާއްވާފައި ނުވާ ކަމަށް. އަދި އޭރު ވެރިކަމުގައި އޮތީ އެމްޑީޕީ ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި 2010 ވަނަ އަހަރު ބަޖެޓް ހުށަހެޅީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި. ބަޖެޓް ހުށަހަޅަންޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ބުނާއިރު، އޭރު ބަޖެޓް ހުށަހެޅީ އިކޮނަމިކް މިނިސްޓަރު ކަމަށް ރިޔާޒު ވިދާޅުވި. އެހެންކަމުން ސަރުކާރުން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރާ ކަމަށް ބުނެ އެމްޑީޕީއަށް މިއަދު ވާހަކަ ނުދެއްކެވޭނެ ކަމަށް.

12:11

މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް. އޭނާ ވެސް ވަނީ ކުއްލި ނުރައްކަލުގެ ގަރާރަށް ތާއިދު ކުރައްވާފައި.

12:05

ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް ވިދާޅުވީ ނައިބު ރައީސް ޖަވާބުދާރީވާން ދީފައިވާ 14 ދުވަހުގެ މުއްދަތު، ހަތް ދުވަހަށް ކުޑަ ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި. އަދި ވިދާޅުވީ އެ މުއްދަތު ކުރުކޮށްގެން މައްސަލަ ޖެއްސުމަށް ދައްކާ ވާހަކަތަކަކީ "ހޮޅި ވާހަކަތަކެއް" ކަމަށް.

12:04

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވާހަކަފުޅު ދައްކަވައިފި. އޭނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީއަށް ދީފައިވާ ބަހުސްގެ ވަގުތު ހަމަވެއްޖެ.

12:02

ގައުމީ ލޯބި ހުރީތީ ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ގަރާރެއް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އާމިރު ވިދާޅުވީ. ގައުމަށް ދިމާވެފައި ހާލަތުގައި ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރަން ވޯޓުދޭން ޖެހޭ ކަމަށް އާމިރު ވިދާޅުވި.

12:01

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ރުކުމާ ވާހަކަފުޅު ދައްކަވައިފި. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު.

11:55

މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް. ނަމާދު ވަގުތަށް މަޖިލީހުގެ ފީޑ ުކަނޑާލުމުން ދެއްކި ވާހަކަތައް ރިޕޯޓުކުރެވޭ ގޮތެއް ނުވި.

އިބްރާހިމް ޝަރީފު (މަވޯޓާ)، މަރަދޫ ދާއިރާގެ މެމްބަރު

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިޔާސީ ވާދަވެރިން ނައްތާލުމަށް ފުރުސަތު ނުދެއްވުމަށް އެދޭ ކަމަށް. އިދިކޮޅު ފަރާތްތަކުން ކަންކަމުގައި ސަރުކާރަށް ދޫދޭންޖެހޭނެ ކަމަށް ވިދާޅުވި.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް އަޅުގަނޑު ބޭނުމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އަށް މިދަންނަވަނީ ވަރަށް ވިސްނުން ތޫނު ކަމާއެކީ މިކަން ކަން ކުރައްވައްޗޭ. މިކަން އޮންނަ ގޮތަކީ އިދިކޮޅު ފަރާތްތަކާ ގައުމު ހިންގަވާ ފަރާތާ މަޝްވަރާކޮށްގެން މަސައްކަތް ކުރުން. ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގައި ވެރިކަން ކުރާ ޕާޓީއާ އިދިކޮޅު ޕާޓީއާ އެކީ މަސައްކަތް ކުރެވެން ނެތުން. އަޅުގަނޑުމެންނަށް މުހިއްމީ ގައުމު. މިފަދަ ހާލަތްތަކުގައި އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުންނާއި ޒާތީ ގޮތން ވާހަކަދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެން މިކަން ވަނީ ވެސް ސަރުކާރު ހިންގާ ޕާޓީން ވެސް ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން. ގައުމީ ބޮޑެތި ކަންކަން ދިމާވީމާ ކިތަންމެ ބޮޑު ފިޔަވަޅެއް ވިޔަސް އއެކަން އަޅަންޖެހޭނެ. އެއީ އަޅަން ބޭނުން ނުވިޔަސް.

އަނާރާ ނައީމް، މަކުނުދޫ ދާއިރާގެ މެމްބަރު

ރައީސުލްޖުމްހޫރިއްޔާ މި ގަރާރު ހުށަހަޅުއްވާފައި ވަނީ ގައުމީ ސަލާމަތުގެ މަޝްވަރާއާއެކު. އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް އެބައޮތް. އަދާލަތު ޕާޓީން ކަންބޮޑުވޭ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި 14 ދުވަސް ދީފައި ވަނިކޮށް 7 ދުވަސް ދީފައި ވާތި. [ނައިބު ރައީސް ޖަވާބުދާރީވާން ދިއްމުއްދަތު ކުޑަކުރުމުން] ގާނޫނު އަސާސީއަށް ބަދަލެއް ނުގެނެވޭނެ ގަރާރަކުން. އަޅުގަނޑުމެންނަަކަށް އެނގިފައެއް ނެތް. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ގާނޫނު އަސާސީއާ ބަދަލު ގެނެވޭ ފުރަތަމަ ފަހަރު މިއީ.
މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުނުވެ، މުއްދަތު ކުރު ކުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. ނަޝީދު ވިދާޅުވީ ގަރާރަށް ތާއިދު ކުރައްވަނީ މީޑީއާތަކުން އިވިފައިވާ ވާހަކަތަކަށް ވުރެ އިތުރަށް ރައީސް ޔާމީން ބައެއް ވާހަކަތައް އެމަނިކުފާނުގެ އަރިހުގައި ވިދާޅުވެފައިވާތީ ކަމަށް.

އެއްވެސް ރައީސެއް ބޭނުމެއް ނުވާނެ އޭނާގެ ވެރިކަމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާކަށް. އަޅުގަނޑު ވެސް ބޭނުމެއް ނުވާނެ އަޅުގަނޑުގެ ހައްގުތައް ހިފަހައްޓާ އަޅުގަނޑުގެ ގެދޮރު ބަލާ ފާސްކުރާކަން. އަޅުގަނޑުމެންނާ ދެތިން ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށް މި ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދެމުން އެބަދޭ. ލިބިގެންދާ ކުރިއެރުމެއް އޮތިއްޔާ އެކަން ވެސް އެމަނިކުފާނު އަންނަނީ ހިއްސާ ކުރައްވަމުން. އެއްވެސް ރައީސަކަށް މަޝްހޫރުކަމެއް އަދި ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ ކުއްލި ނުރައްކަލު ގެ ހާލަތު އިއުލާނުކޮށްގެން.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ގާނޫނު އަސާގައި ބުނެފައިވޭ ވަރަށް ސަރީހަކޮށް ބައެއް ހާލަތްތަކެއް ހުއްޓިގެން ދާނެ ކަން. އެހެންނަމަވެސް އަޅުގަނޑުމެން މި ފެނިގެންދިޔައީ މަޖިލީހުން ކުރަންޖެހޭ ކަމެއް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކުރައްވޗަމުން ގެންދަވާތަން. ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރައްވަމުން ގެެންދަވާތަން. ނައިބު ރައީސަށް އޮތް 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރީ ގާނޫނު އަސާސީއާ މުޅިން ހިލާފަށް. މިއޮތް ހުރިހާ ދުވަހު ބުނަމުން ދިޔައީ ތިމަންނައެއް ނޫނެ ގައުމު ހިނގީއެއް. ނައިބު ރައީސޭ. މިހާރު ހިންގަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު. ކޮންމެ ދުވަހަކު އަޅުގަނޑުމެން ބޭނުން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ފެންނަން. ކޮބައިތޯ ސުޕްރީމް ކޯޓު. ގާނޫނު އަސާސީ ރައީސުލްޖުްމްހޫރިއްޔާ ބަދަލުކުރަމުންދާއިރު ކޮބައިތޯ ސުޕްރީމް ކޯޓު. މިއީ އަޅުގަނޑުމެން މާދަމާ ބާއްވާ މުޒާހަރާ ހުއްޓުވަން ކުރައްވާ ކަމެއް. ހޯމް މިނިސްޓަރު އުޅެނީ ބޮމަކުން ޔާމީނުގެ ބޯ ނުގޮއްވިއްޔާ ނަފުސާނީ ގޮތުން ވެސް ގޮއްވާލަން.
އަބްދުއްރަހީމް އަބްދުﷲ، ފޮނަދޫ ދާއިރާގެ މެމްބަރު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ތާއިދު ނުކުރައްވާ ފަރާތްތަކަކީ ގައުމަށް ގައްދާރުވި ބައެއް ކަމަށާއި އެއީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ.

ރައީސް ޔާމީނު މިގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްތައް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ސިޔާސީ ގޮތުން ފިކުރު ދިމާ ނުވިޔަސް ފިކުރު ދިމާވާންޖެހޭ އެއްކަމެއް އޮންނަން އެބަޖެހޭ. އަޅުގަނޑުމެން މިއުޅެނީ މިގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި. މިކަން ކުރަން ލަސްވެސް ވެއްޖެ. ހަތިޔާރުތައް އެކިތަންތަނުން ފެންނައިރު ކުއްލި ހާލަތު އިއުލާނު ކުރަން އެބަޖެހޭ. މިއަދު މިތާނގައި ދައްކަންވީ ގައުމީ ވާހަކަ. ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ. ދިވެހި ގައުމާ ރައްޔިތުންގެ ހައްގުގައި އެކަން ރައީސުލްޖުމްހޫރިއްޔާ އަންނަނީ ކުރައްވަމުން. އެކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަަދި އެ ގަރާރަށް ތާއީދު ކުރަން. އަޅުގަނޑުމެންނަށް މަގުމަތީގައި ހިނގާ ބިގާވެ ދަތުރުފަތުރުކޮށް އެބަ އުޅެވެން ޖެހޭ. ރާއްޖޭގެ އެކި ހިސާބުތަކުން ހަތިޔާރުތަކާ މާލޭގެ އެކި ހިސާބުތަކުން ގޮވާތަކެތި އެބަ ހޯދާ. އަދިވެސް ހޯދަނީ. މިކަންކަން މިހެންވާތީ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން މިތާނގައި ސިޔާސީ ވާހަކަނުދެއްކެވުމަށް އެދެން. އެއީ ގައުމަށް ގައްދާރު މީހުން.

ރީކޯ މޫސާ މަނިކު، މަޖިލީހުގެ ނައިބު ރައީސް

ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވަައިފި. އޭނާ ވިދާޅުވީ ސިފައިންގެ ބަޑި ގުދަނުން ހަތިޔާރު ގެއްލުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ހަތިޔާރުތައް ވަގަށް ނަގައިގެން، ބަޔަކު އިސްލާމިކް ސްޓޭޓް ނަމަކަށް ކިޔާ ޖަމާއަތެއް އުފައްދާފައިވާ ކަމަށާއި އެފަދަ ކަމެއް މި ގައުމުގައި ތަކުރާރުވިޔަ ނުދެއްވާނެ ކަމަށެވެ.

މިއަދު ވާހަކަދައްކަން މިޖެހެނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން. އަޅުގަނޑުގެ ދާއިރާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. ސަލާމަތީ ބާރުތަކަށް ނޫނިއްޔާ. އެހެންވީމަ އަޅުގަނޑު ހަމަ މި ގަރާރަށް ތާއީދު ކުރަން އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށްޓަކައި ވެސް. އަޅުގަނޑުމެންގެ މިގައުމަކީ ބިރުވެރިތަނަކަށް ހަދައިގެން ނުވާނެ. ދިވެހި ސިފައިންނާއި ފުލުހުން ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެން މަސައްކަތް ކުރަންވީ. ސިޔާސީ ވާހަކަތައް އަޅުގަނޑުމެން ދައްކާނީ ސިޔާސީ ޕޯޑިއަމްތަކުގައި. ރައީސުލްޖުމްހޫރިއްޔާ އަށް މި ބާރުތައް ދީފަ ދިވެހި ސިފައިންނާ ފުލުހުންނަށް މި ދަންނަވަނީ އަޅުގަނޑުމެން ސަލާމަތް ކޮށްދޭށޭ. އަޅުގަނޑު މިކަމަށް ތާއީދު ކުރަން. ނޮވެމްބަރު ތިނެއް ގެންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން.

އަލި މައުރޫފް

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ ގައުމީ މަސްލަހަތަށް އިސްކަންދީގެން މަޖިލިސް މެމްބަރުން ވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީއަށް އިޝާރާތް ކުރައްވައި ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް ގައުމައިގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރާ ކަމަށާއި އޭރުން އެމްޑީޕީއަށް ވެސް 2018 އަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި.

ރާއްޖޭގައި އެކުލާވެފައިވާ ސަލާމަތީ މަޖިލިސްގެ މަޝްވަރާގެ މަތީން މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި. އެކަން ކޮށްފަނީ ކޮންމެހެން ކުރަންޖެހިގެން. އަޅުގަނޑުމެންގެ ރައީސަކީ ދުރަށް ވިސްނޭ ރައީސެއް. މާލެއާ އަތޮޅު ތެރެއިން ވެސް މިދަނީ ހަތިޔާރު ފެންނަމުން. މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ ވަލިއްޔުލްއަމުރަކަށް ހުންނަވާ ފަރާތެއް އަވަހާކޮށްލަން އުޅުމުން ކުއްލި ނުރައްކަލުގެ ހާލަަތަކީ އިއުލާނު ކުރަންޖެހޭ އެއްޗެއްކަން. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަންކަން ކޮށްފައި އެބަހުރި. ސިޔާސީ ބޭނުމަކަށްޓަކައި މިފަދަ ވާހަކަތައް ނުދެއްކުމަށް އެދެން. ގައުމީ މަސްލަހަތު އިސްކޮށްގެން ވާހަކަތައް ދެއްކުވުމަށް އިލްތިމާސްކުރަން. އެމްޑީޕީއަށް ގޮވާލަން ގައުމީ މަސްލަހަތު އިސްކޮށް ގައުމައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. އޭރުން ތިބޭފުޅުންނަށް 2018 އަށް ކުރިމަތިލެވޭނީ.

އިންތިޔާޒު ފަހުމީ، މާފަންނު އުތުރު ދާއިރާ

ނައިބު ރައީސް ޖަވާބުދާރީވާން ދިން 14 ދުވަހުގެ މުއްދަތު ހަތް ދުވަހަށް ކުޑަ ކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް އިންތިޔާޒު ފަހުމީ ވިދާޅުވެއްޖެ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް. ރައީސް ޔާމީނުގެ ސަރުކާރަށް ދެ އަހަރު ދުވަސް އަދި ނުވަނީ މިވަނީ މުޅި ދައުލަތް ހިންގަން މިޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި. ގައުމުގެ ހާލަތު ދަށަށް ވެއްޓިއްޖެކަން އެންމެ ރަނގަޅަށް ހާމަވެގެން ދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން. މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 30 ދުވަހަށް. މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީނެއް ރައްޔިތުންނަކަށް ނުފެނޭ. އެމަނިކުފާނު ހުރީ ގަދަފަދަ ހާލަތެއްގައިތޯ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ. މީގައި ކޮންމެވެސް ކަހަލަ ސިޔާސީ ކަންކަން އެބަ ހިމެނޭ. މިސާލަކަށް ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާއިރުގައި 14 ދުވަސް ދީފައި ވަނިކޮށް އެކަން ހަނިކޮށްލާފައި ވާތީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކަކީ.

ގާސިމް އިބްރާހިމް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ގާސިމް ވިދާޅުވެއްޖެ.

އިހުލާސްތެރިކަމާއިއެކީ ތާއީދުކުރަން. ގަރާރު ފާސްކުރަން ފެންނަ ކަމަށް އަޅުގަނޑަށް ފެނޭ. ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވޭ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ހަނި ކުރެވޭނެ ކަމާއި ހަނި ނުކުރެވޭނެ ހާލަތްތައް ވެސް ބުނެފައިވޭ. ސަލާމަތީ ކަންތައްތައް ވެސް ބިރުގަންނަ ހިސާބަށް ހިނގައްޖެ. ރައީސުލްޖުމްހޫރިއްޔާ ހަނިކުރައްވަން ހުށަހަޅުއްވާފައިވާ ކަންތައްތައް ގަރާރުގައި ހިމަނާފައިވޭ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުން ނައިބު ރައީސަށް ޖަވާބު ދާރީވާން ދޭންޖެހޭ 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރަން ބުނެފައެއް ނެތް.

11:16

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ތާއިދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ

މާރިޔާ އަހުމަދު ދީދީ

ގަރާރަށް ތާއިދު ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި.

ކުއްލި ނުރައްކަލުގެ ހާލަތު ދުނިޔޭގެ ގައުމުތަކުގައި އިއުލާން ކުރަނީ ގައުމުގެ ހާލަތު ވަރަށް ގޯސްވެގެން ދިޔައީމަ. އެހާލަތައް ދިޔައީމަ، އަޅުގަނޑުމެންނާ އެ ވާހަކަތައް ހިއްސާކޮށްލެއްވިއްޔާ ކިހިނެއްތޯވާނީ. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން. އިގްތިސާދީ ބޮޑެތި ގެއްލުންތައް ރާއްޖެއަށް ލިބެން އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ހުށަހެޅުމަކީ ޒިންމާދާރު ކަމެއް ނޫން. ކުއްލި ނުރައްކަލުގެ ހާލަތައް ގައުމު ހިނގައްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވަންޖެހޭ.

ނިހާން

ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ނިހާން ހުށަހަޅުއްވައިފި

މި ގަރާރަށް ތާއިދު ކުރަންޖެހޭ ބައިވަރު ސަބަބު އެބަހުރި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ނުރައްކާތެރި ހަތިޔާރު ފެނިފައިވާތީ. މި ހާލަތުގައި އަޅުގަނޑުމެން ގައުމީ މަސްލަހަތު އިސްކުރަންޖެހޭ. ސިޔާސީ މަސްލަހަތު ދުރުކޮށް، ގައުމީ މަސްލަހަތަށްޓަކައި މި ގަރާރަށް ތާއިދު ނުކުރަންޖެހޭ ސަބަބެއް ނެތް.

11:08

މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ގަރާރަށް ތާއިދު ނުކުރައްވާ ކަމަށް އަލީ އާޒިމް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ބުނަނީ ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ދެ ސަރަހައްދަކުން ހަތިޔާރު ފެނިފައިވާ ކަމަށް. ރައީސުލްޖުމްހޫރިއްޔާ ވަރަށް ފަހުން ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންނަށް އިތުބާރު ނުކުރާ ވާހަކަ. އެހެންވިއްޔާ އެ ބޭފުޅުން އެ ކުރައްވާ އިތުބާރު ގެއްލިފައިވަނިކޮށް، މި ހަތިޔާރު ފެނުނު ގޮތް އެނގެން އެބަޖެހޭ. ގަރާރުގައި އެބަ ބުނޭ ހަތިޔާރު ތަކެއް މަދުވާހަކަ. އެއީ ކޮންތާކުން މަދުވެގެން އުޅޭ ހަތިޔާރެއްތޯ. މިވާހަކަތައް އާންމު ނުކުރެވެން ނެތިއްޖެނަމަ މަޖިލީހުގެ ސިއްރު ކޮމެޓީއެއްގައި ރައްޔިތުންގެ ފަރާތުން ތިއްބެވި މަންދޫބުންނަށް މި ކަން ކިޔައިދޭން އެބަޖެހޭ. ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާނެ ކަމެއް ނެތް. ފޮރުވައިގެން ކަންތައްތަކެއް ކުރާނެ ކަމެއް. މެދުހެންވޭރު ދާއިރާގެ މެމްބަރެއްގެ ހައިސިއްޔަތު މި ގަރާރަށް ތާއިދު ކުރެވެން ނެތް ކަމަށް ދަންނަވަން.

11:02

ފުރަތަމަ ފުރުސަތުގައި ވާހަކަފުޅު ދައްކަވަން ފެއްޓެވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

11:01

ކުއްލި ނުރައްކަލުގެ ގަރާރަށް ބަހުސް ކުރުމަށް ޖަލްސާ ފަށައިފި.