ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގައުމީ ޕެންޝަން ސްކީމުމުގައި ބައިވެރިވުމަށް ޕެންޝަން އޮފީހުން އަންގާފައިވަނިކޮށް މަޖިލީހުގެ މެންބަރުން ޕެންޝަން ސްކީމުން އިސްތިސްނާކުރުމުގެ އިސްލާހެއް މާލިއްޔަތު ކޮމެޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ބުރާސްފަތި ދުވަހު ވިދާޅުވީ، ރިޓަޔާ މަންޓް ޕެންޝަން ސްކީމްގައި ދައުލަތުގެ އެހެން މުވައްޒިފުންނެކޭ ވެސް އެއްފަދަ އިން މަޖިލީހުގެ މެންބަރުން ބައިވެރި ވުމަށް ޕެންޝަން އޮފީހުން އެންގުމުން އެކަމުގައި މާލިއްޔަތު ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު އެންމެ ރަނގަޅު ގޮތްކަމަށް ކޮމެޓީއަށް ފެނުނީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކޮށްފައި ތިއްބަވާ ބޭފުޅުންނާއި އެހެން ގާނޫނެއްގެ ދަށުން ޕެންޝަން ލިބޭ ފަރާތްތައް ޕެންޝަން ސްކީމުން އިސްތިސްނާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާ ކުރުމަށް ފަހު ޕެންޝަން ގާނޫނުގައި ފުށުއަރާ ކަންތައްތައް ހުރީމަ އަޅުގަނޑުމެން ނިންމީ ފަސް އަހަރު ދުވަހަށް އިންތިހާބުކޮށްފައި ތިބޭ ފަރާތްތަކަށް އަޅުގަނޑުމެން [މަޖިލީހުގެ މެންބަރުން] ވާތީ އިސްތިސްނާ ކުރަން. އަޅުގަނޑުމެން ނުދެކެން [މަޖިލީހުގެ މެންބަރުންނަކީ] މުވައްޒިފުން ކަމަކަށް. އޭރުން މިހާރު ގާނޫނު އޮތް ގޮތުން އަރާ ބައެއް ފުށު އެރުންތަކެއް ނާރާނެ. އެގޮތުން ހަމަ އެބަހުރި އެހެން ގާނޫނުތަކުގެ ދަށުން އިނާޔަތް ލިބޭ ފަރާތްތައް. މިސާލަކަށް، ރައީސުލް ޖުމްހޫރިއްޔާ އަދި ފަޑިޔާރުންނަށް އެބަ އޮވޭ ޕެންޝަން ލިބޭނެ ގޮތްތަކެއް އެހެން ގާނޫނުތަކުގައި އެބޭފުޅުން ރިޓަޔާ ކުރާ ހާލަތެއްގައި." ނާޒިމް ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން ދައުލަތުގެ ހުރިހާ މުވައްޒަފުން ވެސް ޕެންޝަން ސްކީމްގައި ބައިވެރިވާން ޖެހެ އެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން ހުށަހެޅި އިސްލާހުގެ ސަބަބުން ދައުލަތުގެ މުވައްޒިފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އުއްތަމަ ފަޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުން ރިޓަޔާ މަންޓް ޕެންޝަން ސްކީމުގައި ބައިވެރި ވުމާއި ނުވުމަކީ އެ ބޭފުޅުންގެ އިހުތިޔާރުގައި އޮތް ކަމެކެވެ.