ރޭ ދަންވަރުގެ ވަގުތެއްގައި ކަސްޓަމްސް ސަރަހައްދުން އިމްޕޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެއް ކަމަށް ލަފާ ކުރެވޭ ޒާތުގެ އެއްޗެއް ފެނުނު ކަމަށް ދެކެވުނު ވާހަކައަކީ "ފޭކް" ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ އައިއީޑީއެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް ކަސްޓަމްސް ސަރަހައްދުން ފެނުން ކަމަށް ދެކެވުނު ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުކަން އުފެއްދުމަށް ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

އެފަދަ އަމަލެއްގެ ފަހަތުގައި ތިބި ބަޔަކަށް ލިބެން ޖެހޭ ހައްގު އަދަބު ލިބޭނެ ކަމަށް އުމަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރޭ ދަންވަރުގެ ވަގުތުގައި އައިއީޑީއެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް ފެނުން ކަމަށް ބުނުމާއެކު ސަލާމަތީ ބާރުތަކުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. އެގޮތުން ފުރަތަމަ ފެނުނު އައިއީޑީ ގެންދިޔަ ގޮތަށް އެ ލަފާ ކުރެވޭ އެތިވެސް ވަނީ މާފަންނު ސްޓޭޑިއަމް އަށް ގެންގޮސްފައެވެ. ނަމަވެސް ގެންގޮސް ބެލި އިރު އެއީ އައިއީޑީއެއް ނޫން ކަން ވަނީ ކަށަވަރު ވެފައެވެ.

އެގޮތަށް އައިއީޑީއެއް ކަމަށް ލަފާ ކުރެވި ފޭކް އެއްޗެއް ފެނުނު އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. އިއްޔެގެ މެންދުރި ފަހުގެ ވަގުތުގައިވެސް ވަނީ އައިއީޑީއެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް ސްޓެލްކޯ ކައިރިން ފެނިފައެވެ. ނަމަވެސް އެއީ އައިއީޑީއެއް ނޫން ކަމަށް ސިފައިން ވަނީ ކަށަވަރު ކޮށްދީފައެވެ.