ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ވަށައިގެންވާ ސަރަހައްދުގެ މަގުތަކުގައި ޕާކު ކުރުން މަނާކޮށްފި އެވެ.

މުލިއާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކު ކުރުން މަނާ ކުރީ، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ލޮރީއެއްގައި ބޮމެއް ހަރުކޮށްފައި ވަނިކޮށް ފެނިފައިވަނިކޮށެވެ. ރިމޯޓް ބޭނުންކޮށްގެން ގޮއްވާލަން ތައްޔާރުކޮށްފައިވާ އެ ބޮން އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދުރަށް ގެންގޮސް، ނުގޮވާ ގޮތަށް ހަދާފަ އެވެ.

މުލިއާގެ ވަށައިގެންވާ މަގުތަކުގައި ޕާކޮށްފައިވާ ވެހިކަލްތައް ފުލުހުން ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ބުނެ، ފުލުހުން ވަނީ ރެއިން ފެށިގެން އެ ސަރަހައްދުގައި ބޯޑު ބަހައްޓާފަ އެވެ.

މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިރިނޫޅުއްވިޔަސް، ރަސްމީ ބައްދަލުވުންތައް ބާއްވަނީ އެތަނުގަ އެވެ. ރައީސް ޔާމީން ދިރިއުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ގ. ދޫވެހީގަ އެވެ.