ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެން މާލެ ނުދާނެ ކަމަށް ހޮންކޮން ޓީމުން ބުނެފި އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާތީ، ވޯލްޑް ކަޕް ކޮލިފައިން މެޗު ކުޅެން ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށް ހޮންގް ކޮންގް ފުޓްބޯލް އެސޯސިއޭޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން، ހޮންކޮންގެ ފުޓްބޯޅަ އިދާރާގެ ޗެއާމަން ބްރިއަން ލިއުން ހަންޓަކް ހޮންކޮންގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ބުނީ، މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރާއްޖެއަށް އަންނާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް، ވިދާޅުވެފައެވެ.

"މިހާރު އޮތް ހާލަތުގައި މެޗު ކުޅެން ރާއްޖެ އަށް ދާކަށް ބޭނުމެއް ނޫން. ކުޅުންތެރިންގެ ސަލާމަތަށް އެންމެ ފުރަތަމަ އަހަރެމެން އިސްކަންދޭނީ. އަހަރެމެން ބޭނުމީ އެ މެޗު ހޮންގް ކޮންގްގައި ކުޅޭ ގޮތަށް ބަދަލުކުރަން،" ލޫ ވިދާޅުވި އެވެ.

މިކަމުގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާގެ ބަހެއް ބޭނުންވާ ކަމަށާއި، މީގެ ކުރިން ރާއްޖެ އާއި ޗައިނާ ގަލޮޅު ދަނޑުގައި ކުޅެން އޮތް މެޗު ޗައިނާގައި ކުޅެފައިވާތީ އެކަމަކީ ނުވާނެކަމެއް ނޫންކަމަށް ވެސް، ލިއުން ވިދާޅުވިއެވެ. ޗައިނާގައި އެ މެޗު ކުޅެން ޖެހުނީ، ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީއެވެ.

ރާއްޖޭގައި އިއްޔެއިން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އޭނާ ވިދާޅުވި ރާއްޖޭގެ ސަލާމަތީ ކަންތައް މިހާރު އޮތް ހާލަތުގައި މެޗު ކުޅެން ދިއުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން ކުޅިވަރު އެއްވެސް ހަރަކާތެއް ނުހިންގުމަށް އެފްއޭއެމަށް އަންގައިފަ އެވެ. މިހެންވެ އުރީދޫ ދިވެހި ޕްރެމިއާ ލީގާއި، ތިން ވަނަ ޑިވިޝަން ވެސް ވަނީ މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.

ހޮންކޮން މެޗު ރާއްޖޭގައި މިހާރު ކުޅެވޭނީ އެކަމަށް ހޮންކޮން އާއި ފީފާ ވެސް އެއްބަސްވާނަމަ އެވެ. ހޮންކޮންގައި މެޗު ކުޅެން ޖެހިއްޖެނަމަ މިކަން ވެގެންދާނީ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު އަމިއްލަ ގައުމުގައި ކުޅެންޖެހޭ މެޗުތަކުގެ ތެރެއިން ކެންސަލްވާ ދެ ވަނަ މެޗަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން 5 މެޗު މިހާތަނަށް ކުޅެފައިވާއިރު، ރާއްޖެ މޮޅުވެފައިވަނީ ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރުވަނައިގައި ތިން ޕޮއިންޓާއެކީ ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއްވަނައިގައި 15 ޕޮއިންޓާއެކީ އޮތީ ގަތަރެވެ. ދެވަނައިގައި 10 ޕޮއިންޓާއެކީ ހޮންކޮންގް އޮތްއިރު، ތިންވަނައިގައި ހަތް ޕޮއިންޓާއެކީ އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާންއެވެ