05 Nov 2015, 01:37
ތިރީސް ދުވަހުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ކުއްލި ނުރައްކަލުގެ ހާލަތު ބަޔާން ކުރާ ގަރާރު ފާސްކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވުމުން، މާދަމާގެ އެޖެންޑާގައި އެ ގަރާރު އެކަނި ހިމަނައިފި އެވެ.
ގާނޫނޫ އަސާސީގެ 257 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ (ދެ ދުވަސް) ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާ ގުޅިގެން ކޮންމެ ވަގުތެއްގައިމެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ގަރާރު ބާތިލު ކުރުމަށް މަޖިލީހުން ފާސްކޮށްފިނަމަ ގަރާރަށް އަމަލު ކުރުމަށްޓަކައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި ނެރެފައިވާ އަމުރުތައް ބާތިލްވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނެރޭ ގަރާރުގެ މުއްދަތު ހަމަވުމުން ވެސް އެ ގަރާރާ ގުޅިގެން ހަދާފައިވާ ގާނޫނުތަކާއި އަމުރުތައް ބާތިލްވާނެ ކަމަށެވެ.
ގަރާރުގެ މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށް ވުރެއް ދިގު ނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު ރައްޔިތުންގެ މަޖިލީހަށް އިތުރު ކުރެވިގެން ދާނެ ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައި އޮތީ އެންމެ މައްސަލައެކެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ކުއްލި ހާލަތާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިފައިންނާއި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް ނުފެންނަ ކަމަށެވެ. އަދި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާތީއާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.