04 Nov 2015, 23:05
ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ފެނިފައިވާ ހަތިޔާރުތަކުގެ ފޮޓޯތަކެއް އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ފޯނުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ތަހުގީގަށް ހައްޔަރުކޮށްފައިވާ އެމީހާގެ ފޯނު ފުލުހުން ޗެކު ކުރި ކުރުމުން އެ ހަތިޔާރުތަކުގެ ފޮޓޯ ފެނިފައިވާ ކަމަށާއި އެ ފޮޓޯތައް މިހާރު ވާނީ ހެކީގެ ގޮތުގައި ނެގިފައި ކަމަށެވެ.
ނަވާޒު ވިދާޅުވީ، މިހާތަނަށް މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް މައްސަލައާ ގުޅުން ހުރި މީހުން ކަމަށެވެ.
މިހާތަނަށް ފެނިފައިވަނީ ހުރިހާ ހަތިޔާރު ނޫންކަން، ފުލުހުން ކުރިއަށް ގެންދާ ތަހުގީގުންނާއި ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ވެސް ނަވާޒު ވިދާޅުވިއެވެ.
ހަތިޔާރުތަކާ ގުޅޭ ތަހުގީގަށް ހައްޔަރުކޮށްފައި ވާ މީހެއްގެ ފޯނުން ފުލުހުންނަށް ފެނުނު ފޮޓޯއެއް -- ސަން ފޮޓޯ: އަލީ ނަސީރު
ފުލުހުން މިރޭ ދެއްކި ފޮޓޯގައި ފެންނަނީ ގިނަ އަދަދެއްގެ ވަޒަންތަކެ ކެވެ. އަދި ހަމައެއާއެކު ގިނަ އަދަދެއްގެ ފޯނުތަކެއް ވެސް ފެނެ އެވެ.
ނަވާޒު ވިދާޅުވީ، ފިނިފެންމާ ލޯންޗުކޮޅުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން މާލެ ތެރެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ފުލުހުން ތަފާތު އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ގިނަ ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން [ސަލާމަތީ ބާރުތަކުން] ބޭނުންވަނީ ވީ އެންމެ އަވަހަކަށް މި މައްސަލައިގެ [ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ] ތަހުގީގު ވީ އެންމެ އަވަހަކަށް ނިމި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިގެން ދިއުން،" ނަވާޒު ވިދާޅުވި އެވެ.
ހަތިޔާރުތަކާ ގުޅޭ ތަހުގީގަށް ހައްޔަރުކޮށްފައި ވާ މީހެއްގެ ފޯނުން ފުލުހުންނަށް ފެނުނު ފޮޓޯއެއް -- ސަން ފޮޓޯ: އަލީ ނަސީރު
އޭނާ ވިދާޅުވީ މިހާތަނަށް ފެނިފައިވާ ހަތިޔާރަކީ ހަވާ ކޮންޓޭނަރުގެ ތެރޭގައި އެތެރެކުރި އެއްޗެހި ކަން ނުވަތަ ނޫންކަން މިވަގުތު ބުނެދެވެން ނެތް ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ. ހިބަޅިދޫންގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.
އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.