02 Apr 2011, 13:42
ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު [ރީކޯ މޫސަ] މިއަދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ބިލް މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް މޫސަ ވިދާޅެއް ނުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން އަންނަތާ ވަނީ އެތައް ދުވަހެއްވެފަ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދަށް އައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މީގެ ކުރިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިގިލި ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެ އެ ދެ ބޭފުޅުން ހައްޔަރު ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ވެސް ވަނީ ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނު ނެތް ކަން ފާހަގަކޮށް ވާހަކަ ދައްކައިވަ އެވެ. އެ މައްސަލައިގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމާއި އެފަދަ ކަންތައްތައް ބަޔާންކޮށްފައި އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަމަށާއި އެފަދަ ގާނޫނެއް މިހާތަނަށް ވުޖޫދަށް އައިސްފައި ނެތް ކަމަށެވެ.