04 Nov 2015, 21:38
ރާއްޖޭގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ރާއްޖޭގައި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސުރީ ލަންކާގެ ސުނައިޕަރު ޝޫޓަރަކު ރާއްޖެ އިން ހައްޔަރުކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އަދި އޭނާ ހައްޔަރުކުރީ ފުރަން އުޅެނިކޮށް އެއާޕޯޓަށް ގޮސް ހުއްޓައިކަން ވެސް އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހޯދުމަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަކިއެއްޗެއް ވިދާޅެއްނުވިއެވެ.
ލަންކާގެ ސުނައިޕާ ޝޫޓަރަކު ރާއްޖެ އިން ހައްޔަރުކޮށްފައިވާ އިރު މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ހިބަޅިދޫން ވަނީ ހޯދައިފައެވެ.
އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުކައިރިން ކަނޑުގެ 42 މީޓަރު އަޑިން ނެވެ.
ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސުނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެއެވެ.
އެ ހަތިޔާރުތައް ފެނުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ މުލިއާގެ ކައިރިން ވަނީ މަގުމަތީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި، ޑައިނަމައިޓުން ތައްޔާރުކޮށް ގޮއްވާލަން ތައްޔާރުކޮށްފައި އޮތް ބޮމެއް ފެނިފަ އެވެ. އަދި ސަލާމަތީ ބާރުތަކުން އެ ބޮން ވަނީ ސުޓޭޑިއަމް ސަރަހައްދަށް ގެންގޮސް ނުގޮވާ ގޮތް ހަދާފަ އެވެ.
ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ފެނުނު އައިއީޑީ އަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ބަޔަކު ރޭވި ހަމަލާއެއް ކަމަށެވެ.
ސުނައިޕާ ރައިފަލް އަކީ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ. އެ ހަތިޔާރަކީ ވަރަށް ދުރުގައި ހުރެގެން އަމާޒުކޮށް ހަމަލާ ދޭ ހަތިޔާރެކެވެ. އެ ބަޑީގެ މެކްސިމަމް އިފެކްޓިވް ރޭންޖް 600 މީޓަރާއި 800 މީޓަރު ދުރަށް ވަޒަން ފޮނުވާލެ އެވެ. އެފަދަ ބަޑި މުޅިން ވެސް ބޭނުން ކުރަނީ ދުރުގައި ހުންނަ ޓާގެޓްތަކަށް ހަމަލާދިނުމަށެވެ. ހާއްސަކޮށް "ސުނައިޕަރުން" ފަދަ ތަމްރީނުތައް ލިބިފައިވާ ފަރާތްތަކުން އެއް ވަޒަނުން ފުރާނައަށް ގެއްލުންދޭ ހަމަލާދިނުމަށް އެފަދަ ހަތިޔާރު ބޭނުންކުރެވެ އެވެ.