04 Nov 2015, 21:21
ދިވެހި ބަހުން 500 ލިޔާއިރު އޮންނަން ޖެހޭނީ "ފަސް ސަތޭކަ" ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެފިއެވެ.
އެމްއެމްއޭއިން މިމަހު އެއްވަނަ ދުވަހު ތައާރަފްކޮށްފައިވާ ރަންދިހަ ފަހެއްގެ ނޫޓު ސީރީޒުގެ ތެރެއިން ތައާރަފްކުރި 500 ރުފިޔާގެ ނޫޓްގައި ލިޔެފައިވަނީ "ފައްސަތޭކަ" މިހެންނެވެ.
ދިވެހިބަހުގެ އެކެޑަމީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1993 ގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުން ނެރުނު ބަހުގެ ހަމައިގެ ފޮތުގައި "ސ ސުކުން" ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމުގައި 500 އެ އަދަދު ތާނަ އަކުރުން ލިޔެފައިވާނީ "ފަސް ސަތޭކަ" އެހެން ކަމަށެވެ.
"ފައްސަތޭކަ" ދިވެހި ބަހުގައި ބޭނުން ކުރެވޭ ކަމަށް ދެކެވޭ ގޮތާއި ގުޅޭގޮތުން ބަހުގެ އެކެޑަމީން ބުނީ 1991 ވަނަ އަހަރު އެ އެކެޑަމީން ނެރުނު "ދިވެހި ބަސްފޮތް ރަދީފު" ގައި ފައްސަތޭކަ އެލަފުޒު ހިމަނާފައިވާ ކަމަށާއި ނަމަވެސް ތާނަ ލިޔުމުގައި ސުކުން ކުރުމުގެ ހަމަތަކާއި އުސޫލްތަކަށް އަލުން ބަލައި އެލަފްޒު އޮންނަންވީ ރަނގަޅުގޮތްކަމަށްވާ "ސ" ސުކުނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެބަދަލާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ 500 ރުފިޔާގެ ނޫޓުގައި އަލިފު ސުކުން ލިޔެފައި ވަނީ ކުށަކުން ނޫން ކަމަށާއި އެގޮތަށް ބޭނުންކޮށްފައި ވަނީ އެއީ އާންމުކޮށް ކިޔާ ގޮތް ކަމަށް ވުމުން ކަމަށެވެ.
ދިވެހިބަހުގެ އެކެޑަމީން ވަނީ މިހާތަނަށް ނެރެފައިވާ ދިވެހިބަހުގެ އުސޫލާއި ހަމައަށް އެންމެހައި ފަރާތްތަކުން އިހުތިރާމްކޮށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.