ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބުގެ ގާނޫނީ ވަކީލު ޙުސައިން ޝަމީމަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭގޮތަށް ސުޕްރީމްކޯޓުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ޤާނޫނި ވަކީލު ޙުސައިން ޝަމީމް، ހ.ޝޭޑީ ކޯނަރ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވައިފި" ކަމަށެވެ.

ޤާނޫނި ވަކީލު ޙުސައިން ޝަމީމް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވާފައި މިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ޢަމަލުކުރަންޖެހޭ ގަވައިދުތައް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު"ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޙުސައިން ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުންދާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅުއްވަންދެނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދުގެ 3.2ގެ

  • (ހ) ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް ޢަމަލުކުރުން.
  • (ނ) ޤާނޫނީ ވަކީލުން ކޯޓުތަކުގައި ވަކާލާތުކުރުމުގައްޔާއި އަދި ކޯޓުން ބޭރުގައި ޤާނޫނީ ލަފާ ދިނުމުގައްޔާއި ޤާނޫނީ ރައުޔު ހާމަކުރުމުގައި ޤާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމްއާއި މުސްތަޤިއްލުކަމާ ޚިލާފުވާފަދަ އެއްވެސް ކަމެއް ކުރުން.
  • (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަކާ ޚިލާފަށް ނުވަތަ އިސްތިއުނާފީ އުޞޫލާއެއްގޮތަށް އިސްތިއުނާފީ ކޯޓެއްގައި ވަކާލާތުކުރާ ކުރުމެއް ފިޔަވައި، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ނުވަތަ އަމުރަކާ ޚިލާފަށް އެޙުކުމް ނުވަތަ އެ އަމުރުގެ ޙުރުމަތް ކެނޑޭގޮތަށް ޤާނޫނީ ރައުޔެއް ބަޔާންކުރުން.
  • (ބ) ވަކާލާތުކުރުމުގައި، ޝަރީޢަތުގެ މަޖިލީހަށް ދަތިކުރުން ނުވަތަ ޝަރީޢަތުގެ ޙުރުމަތް ކަނޑައި، އިހާނާތްތެރި ޢަމަލެއް ހިންގުން.
  • (މ) އެއްވެސް ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށް ކަނޑައެޅިގެން ފެންނަން ހުންނަ ޙަޤީޤަތާ ޚިލާފުވާގޮތަށް ވަކާލާތުކުރުން.

މިކަމާ ބެހޭގޮތުން ޝަމީމު ވިދާޅުވީ، އޭނާ މިވަގުތު ލަންކާގައި ހުންނެވީ ގާނޫނީ މަސައްކަތެއް ކުރެއްވުމަށް ކަމަށާއި ސަސްޕެންޑްކުރިކަން މިހާތަނަށް ސުޕްރީމްކޯޓުން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ.

ޝަމީމު ވިދާޅުވީ، އޭނާއަކީ އެއްވެސް ކުށެއް ކުރި މީހެއް ނޫންކަމަށާއި، އަދި އޭނާއަކީ ފިލައިގެން ދާނޭ މީހެއްވެސް ނޫން ކަމަށެވެ. އެނބުރި މާލެ ވަޑައިގެން ސުޕްރީމް ކޯޓުން އެދޭ ކޮންމެ ގަޑިއަކަށް އެ ކޯޓަށް ވަޑައިގެން ސުޕްރީމް ކޯޓުން ކުރާ ހުރިހާ ސުވާލަކަށް ޖަވާބުދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.