04 Nov 2015, 20:02
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުގެ މެސެޖް ފޮނުވި ކަމުގެ ތުހުމަތުގައި ހއ. ބާރަށުން ރޭ ހައްޔަރުކޮށްފައިވާ، އެރަށު ސީރީޒްގޭ އަހްމަދު ޔާމީންގެ ބަންދަށް 15 ދުވަސް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަހްމަދު ޔާމީންގެ ބަންދަށް 15 ދުވަސްޖެހީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިއްދޫ ކޯޓަށް ހާޒިރުކުރުމުން މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އަހްމަދު ޔާމީން ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އޭނާގެ ގެ ކަމުގައިވާ ސީރީޒުގެއާއި އެރަށު ރޯޝަނީ މަންޒިލް ބަލައިފާސްކޮށްފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ވަނީ، އަހުމަދު ޔާމީން ހޯދަން ބޭނުން ވަނީ އޭނާގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ނަމްބަރަކުން ރައީސް ޔާމީނަށް އިންޒާރުދީ މެސެޖް ފޮނުވާތީ ކަމަށެވެ. އަދި އޭނާ ހޯދަމުން ދަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ރައީސް ޔާމީނަށް އިންޒާރުދީ މެސެޖް ފޮނުވާ މައްސަލަ ބަލަމުން ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުންނެވެ.