އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ކޯ ޗެއާއަކަށް ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އީވައިސީގެ ކޯޗެއާއަކަށް މިނިސްޓަރު ޝައިނީ ހަމަޖައްސަވާފައިވާކަމަށެވެ.

އިގްތިސާދީ އަދި ޒުވާނުންގެ ކަންކަމާއި ބެހޭ އީވައިސީގެ ޗެއާމަންއަކަށް ކުރިން ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެމަގާމުން ވަކިކުރައްވާފައެވެ. އެ ކައުންސިލްގެ މިހާރުގެ ޗެއާމަންއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ރިޕޯޓްކުރާ ފަރާތަކީ މިނިސްޓަރު މުހައްމަދު ސައީދު ކަމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ، ނައިބު ރައީސް އަދީބު ހިމަނުއްވައިގެން ހިންގެވި ކައުންސިލްތަކަކަށް ދާދިފަހުން ބަދަލުތައް ގެންނަވައިފައެވެ.