ރާއްޖޭގައި މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ނެތިގެން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އަނެއް ބޭނުމަކީ އެޕާޓީން ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ބާއްވަން އުޅޭ މުޒާހަރާ ހުއްޓުވުން ކަމަށެވެ.

"...އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ، ކުރިއަށް އޮތް ނައިބު ރައީސް އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓާ މެދު ޔަގީންކަމެއް ނެތުމުން އެކަމަށް ދިން ސީދާ ޖަވާބެއް ކަމަށެވެ. އަދި އެއީ ނޮވެމްބަރު ހައެއްގައި ބާއްވަން އުޅޭ އެމްޑީޕީގެ ބޮޑު މުޒާހަރާއަށް ހުރަސް އެޅުމަށް ކަމަށެވެ،" އެމްޑީޕީން ބައިނަލް އަގުވާމީ މުޖުތަމައަށް އަމާޒުކޮށް، އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކުރުމަކީ "ބާރުވެރިކަން ގެއްލެމުންދާ ރައީސަކު ވެރިކަމުގައި ދެމި ހުރުމަށް އެޅި އެކަށީގެން ނުވާ ފިޔަވަޅެއް" ކަމަށް އެމްޑީޕީން ސިފަ ކުރާ ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއިރު އެއްވުންތައް ބޭއްވުމުގެ ހައްގު ހިފެހެއްޓީ އެއްވުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ބަޔަކަށް ގެއްލުމެއް ވެދާނެތީ އެކަން ވިޔަ ނުދިނުމަށް ކަމަށެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރެއްވީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާގުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ހާދިސާއަށް ފަހު ފުލުހުންނާއި ސިފައިން ހިންގާ ޚާއްސަ އޮޕަރޭޝަންގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާތާއި ގޮވާތަކެތި ފެނިފައިވާ ކަމަށެވެ. އަދިވެސް ބައެއް ހަތިޔާރުތައް ފެނިފައިނުވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ދަށުން އެ ގަރާރު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށެވެ.

ގާނޫނު އަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ދައުރެއްގައި އެ ގަރާރު ހުށަހަޅައިފި ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

އެ ގަރާރު އެއްކޮށް ފާސްނުކޮށް އޭގެ ވަކި ބައެއް ފާސްކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ގާނޫނު އަސާސީން ލިބިދިފަ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެ ގަރާރުގެ ދަށުން ހައްގުތައް ހިފަހައްޓާނީ އެ ހާލަތެއްގައި އެހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓަން ޖެހޭ މިންވަރަށް ކަމަށެވެ.

ކާފިޔު ހިންގުމާއި ވަކިވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށްފައިނުވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.