ރާއްޖެއިން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައި ވާތީ އާއި އޭގެ ތެރެއިން ބައެއް ހަތިޔާރު މަދުވާތީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، މިހާރު ދިމާވެފައިވާ ކުއްލި ހާލަތުން އަރައިގަތުމަށް ދޭންޖެހޭ އެއްބާރުލުމެއް ދޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ބުނެފި އެވެ.

އެމްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ރައީސް އަބްދުﷲ ޔާމީން އަޅުއްވަމުން ގެންދަވާ ވިސްނުންތެރި ހަރުދަނާ ފިޔަވަޅުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ނުރައްކާތެރި ހަތިޔާރުފެނިފައިވާތީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖޭގައި 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެ ޕާޓީން ތާއިދު ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެ، އާންމުހާލަތަށް ގައުމާއި ރައްޔިތުން ގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ އިހްލާސްތެރި މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުމެއް ދެއްވައި ހަމަޖެހިވަޑައިގެން ތިއްބެވުމަށް މި ޕާޓީގެ މެމްބަރުންނަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް މި ޕާޓީގެ ފަރާތުން މި ފުރުސަތުގައި ގޮވާލަމެވެ،" އެމްޑީއޭގެ ބަޔާނުގައިވެ އެވ.

ސަރުކާރުންނާއި ސަލާމަތީ ބާރުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އެމްޑީއޭގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. ގައުމަށް ދިމާވާ މިފަދަ އެންމެހާ ކަންކުމުގައި ރައީސް ޔާމީނަށާއި ކަމާ ބެހޭ މުއައްސަސާތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.