02 Apr 2011, 13:16
އަބިޖާން : ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ އައިވަރީ ކޯސްޓްގެ ދެރައީސުންގެ ތެރެއިން މަޤަމުގެ މުއްދަތު ހަމަވެފައިވާ ލޮރަން ބަގްބޯ، ކުއްލިއަކަށް ރިޔާސީ ގަނޑުވަރު ދޫކުރައްވައި އެހެންތަނަކަށް ފިއްލަވައިފި ކަމަށް ޚަބަރު ލިބިއްޖެވެ.
މިދިޔަ ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުމަށްފަހުވެސް ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެކޮޅު ހައްދަވައި ވެރިކަމުގައި ފައިހަރުކޮށްލައިގެން ހުންނެވި ބަގްބޯ ފިއްލެވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އޭނާގެ ވާދަވެރިޔާ އަލަހަސަން ވުތާރާއަށް ތާއީދުކުރާ ހަނގުރާމަވެރިން ވެރިރަށް އަބިޖާނަށްވަދެ ރިޔާސީ ގަނޑުވަރު ޙިސާރުކުރަން ވަރަށް ގާތްވެފައިވަނިކޮށް ރޭގެ މެންދަމުގެ ވަގުތެއްގައި ކަމަށް ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނި ނަމަވެސް އަނެއްބައެއް ރިޕޯޓްތައް މިކަން އަދި ކަށަވަރުކޮށެއް ނުދެއެވެ.
ބަގްބޯ ފިއްލެވުމުގެ ކުރިން އޭނާގެ ސިފައިންގެ ލަޝްކަރުތައްވަނީ ރޫޅިފައެވެ. ނަތީޖާއެއްގެ ގޮތުން އަލްހަސަން ވުތާރާއަށް ތާއީދުކުރާ ހަނގުރާމަވެރިންވަނީ ވޭތުވެދިޔަ ތިންހަފްތާއެއްހާ ދުވަހުގެތެރޭގައި އައިވަރީ ކޯސްޓްގެ ބޮޑުބައެއް ހިފާފައެވެ. ދެފަރާތުގެ ދެމެދުގައި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގި ޑިޔުކޯ ސަރަހައްދުގައި 800 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށާއި އެހެންސަރަޙައްދުތަކުންވެސް މަރުވެފައިވާ އެތަށްބައެއްގެ ހަށިތައް ފެނިފައިވާ ކަމަށް ބައިނަލްއަޤްވާމީ ރެޑްކްރޮސް ޖަމާޢަތުން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވުތަރާގެ ހަނގުރާމަވެރިން ވެރިރަށް އަބިޖާން ވަށާލިއިރު ބަގްބޯގެ ލަޝްކަރުތަކުގައި ތިބިބަޔަކު މަސައްކަތްކުރަމުން ދިޔައީ ރިޔާސީ ގަނޑުވަރު ޙިމާޔަތްކުރުމަށެވެ. ބަގްބޯ ފިއްލެވީ ވުތާރާގެ ސިފައިން ރިޔާސީ ގަނޑުވަރު ހިފާނެކަން ކަށަވަރުވުމާއެކު އޭނާގެ އަރިސް ފަރާތްތަކުގެ ލަފާގެމަތިންކަމަށާ އޭނާ ފިއްލަވައިގެން އަދި ހުންނެވީ އަބިޖާންގެ ރައްކާތެރި ތަނެއްގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުންވަނީ އައިވަރީ ކޯސްޓްގެ ޝަރްޢީ ރައީސަކީ އަލްހަސަން ވުތާރާކަމަށް އިޢްތިރާފްވެފައެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)