ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޕީޕީއެމުން އެކަމަށް ތާއީދުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ގައުމީ ސަލާމަތަށްޓަކައި ރައީސް ޔާމީން އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކޮށް އެކަމަށްޓަކައި ޝުކުރުދެންނެވިއެވެ.

ރާއްޖެ މިހާލަތުން އަރައިގަތުމަށްޓަކައި ޕީޕީއެމްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ރައީސް ޔާމީނާއި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެ، އާންމު ހާލަތަކަށް ގައުމާއި ރައްޔިތުން ގެނައުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުމެއް ދެއްވައި ހަމަޖެހިވަޑައިގެން ތިއްބެވުމަށް މިޕާޓީގެ މެމްބަރުންނަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް މި ޕާޓީގެ މެމްބަރުންނަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް މި ޕާޓީގެ ފަރާތުން މި ފުރުސަތުގައި ގޮވައިލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރައީސް ޔާމީން ކުލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރު ފެނިފައިވާއިރު، އަދިވެސް ނުފެންނަ ހަތިޔާރުތަކެއް އެބަހުރި ކަމަށެވެ.