އިސްލާމް އާބާދު(ނޮވެމްބަރު 4): ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ޒަމާން މަޙްސޫދުގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. މަހްސޫދަކީ ޕާކިސްތާނުގައި ނެރޭ ދުވަހު ނޫހެއްކަމަށްވާ "އަމަތު" ނޫހުގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ.

މީގެއިތުރުން ސޫރިޔާގެ ރަސްމީ ނޫސްއެޖެންސީގެ މުރާސިލެއްގެ ގޮތުގައާއި ޕާކިސްތާނުގެ ހިޔުމަން ރައިޓްސް ކޮމިޝަންގެ މީޑިޔާ އާ ބެހޭ މަސްއޫލުވެރިއެއްގެ ގޮތުގައިވެސް އޭނާ ކުރިން މަސައްކަތް ކުރައްވާފައިވެއެވެ.

އުމުރުން 38 އަހަރުގެ ޒަމާން މަޙްސޫދުގެ ގަޔަށް ބަޑިޖަހާފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އިސްމާޢީލް ޚާން ސަރަހައްދުގައި އޭނާ ހިނގާފައި ދަނިކޮށެވެ. ބަޑިޖެހުމާއެކު މަހްސޫދު ވެއްޓި އެއަށްފަހު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަޙްސޫދަކީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް ލިޔާ ނޫސްވެރިއެކެވެ. އޭނާ މަރާލާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފައިވާކަމަށްވެއެވެ. މަޙްސޫދުގެ ގަޔަށް ބަޑިޖަހައި މަރާލުމާއެކު ތާލިބާން ޖަމާއަތުންވަނީ މިޖަރީމާ ހިންގިކަމުގެ ޒިންމާ އަމިއްލައަށް އުފުލާފައެވެ. ތާލިބާނުންގެ ތަރްޖަމާން ސައިފުﷲ ސައިފުﷲ ބުނީ ޒަމާން މަޙްސޫދު މަރާލީ އެޖަމާއަތުން އެކަމަށްޚާއްސަކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މަޙްސޫދުގެ ކުށަކީ ތާލިބާނުންނާ ދެކޮޅަށް ލިޔުންތައް ލިޔުންކަމަށްވެސް ރޮއިޓާސް އަށް ދިން ބަޔާނެއްގައި ތާލިބާނުންގެ ތަރްޖަމާން ބުނެފައިވެއެވެ. މީގެއިތުރުން އޭނާވަނީ ތާލިބާނުންނާ ދެކޮޅަށް ލިޔުންތައް ލިޔާ މީހުން ކުރިޔަށްއޮތް ތާނގައިވެސް މަރާނެކަމުގެ އިންޒާރު ދީފައެވެ. މިގޮތުން މަރަންބޭނުންވާ ނޫސްވެރިންގެ ލިސްޓެއް ތާލިބާނުން ތައްޔާރުކޮށްފައިވާނެ ކަމަށްވެސް ތާލިބާނުންގެ ތަރްޖަމާން ސައިފުﷲ ސައިފުﷲ ބުންޏެވެ. 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޕާކިސްތާނުގައި ނޫސްވެރިންގެ 71 މީހުން މަރާލާފައިވާއިރު މީގެތެރެއިން ގިނަމީހުން މަރާލިކަމުގެ ތުހުމަތު ކުރެވިފައިވަނީ ތާލިބާން ޖަމާއަތުގެ މައްޗަށެވެ.

ތާލިބާނުންނަކީ ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި އިސްލާމީ ޝަރީޢަތާ ޚިލާފު ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގައި ޕާކިސްތާނުގެ ޝަރުޢީ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކުރަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ.

ތާލިބާނުންނަކީ ނޫސްވެރިންނާއި ލިޔުންތެރިން މެރުމުގެ އިތުރުން ޕާކިސްތާނުގެ ސްކޫލްތަކަށް ހަތިޔާރާއެކު ވަދެ ސްކޫލް ކުދިންނާއި ޓީޗަރުންވެސް މެރުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ޖަމާއަތެކެވެ. (ރޮއިޓާސް)