ސިންގަޕޫރު (ނޮވެމްބަރު 4): ޗައިނާއާއި ޓައިވާނުގެ ރައީސުން ސިންގަޕޫރުގައި ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ޗައިނާގެ ދާޚިލީ ހަނގުރާމަ 1949 ގައި ނިމުމަށްފަހު އެ ދެގައުމުގެ އެންމެ އިސްވެރިން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ޓައިވާނަކީ 1949 ގައި ޗައިނާއަށް އައި ކޮމިއުނިސްޓް އިންގިލާބުގެ ކުރިން ޗައިނާގެ ޖަޒީރާއެކެވެ. މީގެއިތުރުން ޓައިވާނަކީ މިހާރުވެސް ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ބަލާ ގައުމެކެވެ. އަދި ޓައިވާނުންވެސް ވަކި ދައުލަތެއްގެ ގޮތުގައި އެގައުމުގެ މިނިވަންކަން އިޢުލާންކޮށްފައެއް ނުވެއެވެ. އަދި ޓައިވާނުގެ ރަސްމީ ނަމަކީވެސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންއާއި ޓައިވާނުގެ ރައީސް މޮޔޮންގް ޖިއޮ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ސިންގަޕޫރުގައެވެ.

ޓައިވާނުގައި ވަކި ވެރިކަމެއް އުފެދުނީ 1949 ގައި ޗައިނާއަށް އައި ކޮމިއުނިސްޓް އިންގިލާބާ އިދިކޮޅު ޗައިނާގެ އޭރުގެ ލީޑަރުން ފިއްލަވައިގެން ޓައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ. ދެގައުމުގެ ވެސް ބަހަކީ ޗައިނާ ބަހެވެ. އަދި ނަސްލަކީވެސް ޗައިނާ ދަރިކޮޅެވެ. ޗައިނާ ކުރިން ގެންގުޅުނީ ބާރުގެ ބޭނުންކޮށްގެންވެސް ޓައިވާން ޗައިނާގެ ދަށަށް ގެންދިޔުމުގެ ވިސްނުމެކެވެ. ނަމަވެސް ޗައިނާ މިހާރުވަނީ މިވިސްނުމާ ދުރަށްގޮސް ޓައިވާންއާ އަޚުވަންތަކަމުގެ ގުޅުންތައް ބާއްވަން ފަށާފައެވެ. އަދި ޓައިވާނުންވެސް ޗައިނާއަށް ގޮންޖަހައި މިނިވަންކަން އިޢުލާން ނުކުރާނެކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ދެގައުމުންވެސް ދެކެނީ އެއީ ޗައިނާގެ މައި ދައުލަތުގެ ތެރޭގައި ހިމެނޭ ދެ ނިޒާމެއް އޮންނަ ދެގައުމު ކަމުގައެވެ. ޗައިނާއާއި ޓައިވާނުގެ ރައީސުން ބައްދަލުކުރައްވަނީ ޓައިވާން ކަނޑުއޮޅިއާމެދު ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމާބެހޭގޮތުން ކަމަށްވެއެވެ.

ޗައިނާއާއި ޓައިވާނުގެ ރައީސުން ބައްދަލު ކުރެއްވިނަމަވެސް މި ދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް އަނެއް ގައުމާމެދު ދެކެނީ ޗައިނާގެ ރައްޔިތުންނާއި ދައުލަތަށް ބަޣާވާތް ކޮށްގެން އުޅޭ ގައުމެއްގެ ގޮތުގައެވެ. (ރޮއިޓާސް)