ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި އަފްޣާނިސްތާނުގެ ރުކްޝާނާ ނަމަކަށް ކިޔާ އަންހެނަކު އެގައުމުގައި އުޅޭ ޠާލިބާނުންގެ ޖަމާއަތަކުން ރަޖަމްކޮށްފައިވާ ކަމަށް އަފްޣާން އޮފިޝަލަކު އިއްޔެ ބުނެފި އެވެ.

އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރުކްޝާނާގެ މަރުގެ މައްސަލައަށް އަފްޣާނިސްތާނުގެ ސަމާލުކަން ލިބުނީ ސޯޝަލް މީޑިއާގައި އޭގެ ވީޑިއޯ އެއް އާއްމު ވުމުންނެވެ.

ވީޑިއޯ އިން ފެނިގެންދަނީ 19 އަހަރުގެ ރުކްޝާނާ ބޮލާއި ހަމައަށް ވަޅު ގަނޑަކަށް ލުމަށް ފަހު ގަލުން ތަޅައި އޭނާ މަރާލާ ތަނެވެ.

ހާދިސާ ހިނގި ގޯރު ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު އަބްދުލް ހައި ޚަތްބީ ވިދާޅުވި ގޮތުގައި ރުކްޝާނާ ވަޅުގަނޑެއްގެ ތެރެއަށް ލުމަށްފަހު ރަޖަމް ކޮށްފައިވަނީ އޭނާގެ ގެއިން ފިލައިގެން ދިޔުމާއި ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާގައެވެ.

"އެ ސަރަހައްދު ކޮންޓުރޯލް ކުރަނީ އެމީހުންގެ އަމިއްލަ ލާއިންސާނީ ގާނުނުތައް ގެންގުޅޭ ޠާލިބާން މީހުން،" ޚަތްބީ ވިދާޅުވިއެވެ.

ރަޖަމް ކުރުމަކީ އަފްޣާނިސްތާނުގެ ގާނޫނުއަސާސީގެ ދަށުން މަނާ ކަމެކެވެ. އެއާ ޚިލާފަށް، މަދުން ނަމަވެސް އަފްޣާނިސްތާނުގެ ބައެއް ޖަމާއަތްތަކުން ރަޖަމް ކުރެ އެވެ.

މައުލޫމާތު: ފޮކްސް ނިއުސް