04 Nov 2015, 17:58
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް މެޑްރިޑްގެ ކީޕަރު ކޭލާ ނާވަސްގެ ރިކޯޑާއި އެކު އެ ޓީމް ދެވަނަ ބުރަށް ދިޔައިރު މެންޗަސްޓާ ސިޓީ ކުޅުނު މެޗް ކާމިޔާބް ކޮށް އެ ޓީމް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ރޭ ޕީއެސްޖީ އަތުން 1-0 އިން ރެއާލް މޮޅުވި މެޗާއެކު ނާވަސް ވެފައިވަނީ މުބާރާތުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ އެންމެ ގިނަ ވަގުތު ގޯލު ބެލެހެއްޓި ކީޕަރަށެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ކީޕަރު އެންޖެން ނޯޔާގެ އަތުގައެވެ. ނަމަވެސް ގޯލަށް ބޯޅަ ވަނަނުދީ އޭނާ ހިފެހެއްޓި 529 މިނިޓް ނާވަސް މިހާރު ވަނީ ފަހަނައަޅައި ގޮސްފައެވެ. ކޮސްޓަރިކާގެ 28 އަހަރުގެ ގޯލްކީޕަރު ނާވަސް ރެއާލްއާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ.

ރޭގެ މެޗްގައި ރެއާލްގެ ލަނޑު ޖެހުމަށްފަހު ނަޗޯ އުފާ ފާޅުކުރަނީ --- ފޮޓޯ: އޭޕީ
ގްރޫޕް އޭ އިން ރެއާލް ދެ ވަނަ ބުރުން ޖާގަ ހޯދީ ރޭ ޕީއެސްޖީ އަތުން 1-0 އިން މޮޅުވެ 10 ޕޮއިންޓާ އެކު އެވެ. އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނަޗޯ އެވެ.
މި ގްރޫޕުގެ ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ޕީއެސްޖީ އަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ގްރޫޕުގައި ދެން ހިމެނޭ ޝަކްތާ ޑޮނެސްޓްކް އާއި މަލްމޯ އަށް ލިބިފައިވަނީ، ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޝަކްތާ އެވެ. މި ދެ ޓީމުގެ މެޗު ރޭ 4-0 އިން ކާމިޔާބުކުރީ ޝަކްތާ އެވެ.
ސިޓީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ، ރޭ ސްޕެއިންގެ ސެވިއްޔާގެ މައްޗަށް 1-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގަ ހޯދުމަށް ފަހު ސިޓީގެ ކުޅުންތެރިން ދަނޑުން ފައިބަނީ --- ފޮޓޯ: އޭޕީ
މި މޮޅާއެކު ސިޓީ އޮތީ، 9 ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. ދެވަނައިގައި 8 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު، 3 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ސެވިއްޔާއެވެ. ގްރޫޕްގެ ފުލުގައި 2 ޕޮއިންޓާއެކު އޮތީ، ބޮރޫޝިއާ މޮންޝެންގްލަޑްބަޗްއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ 2 ގޯލް ކާމިޔާބުކޮށްފައެވެ. މި ދެ ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ، ރަހީމް ސްޓާލިންގް އާއި ފާނަންޑީނިއޯއެވެ.
މެޗުގެ 25 ވަނަ މިނެޓްގައި ސެވިއްޔާގެ ޓްރެމުލީނާސް ގޯލެއް ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ހާފް ނިމުމުގެ ކުރިން ވިލްފްރެޑް ބޮނީ ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް، ސިޓީއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.