04 Nov 2015, 17:15
ހަތިޔާރު އެޅި ބަޔަކު ލީބިޔާގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަލް ގައްދާރު އިއްޔެ ޓްރިޕޮލީއިން ވަގަށް ނަގައިފި ކަމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ލީބިޔާގެ ރައްޔިތުންގެ މަޖިލީހުން ތުހުމަތު ކުރާ ގޮތުގައި މިނިސްޓަރު ގައްދާރު ވަގަށް ނަގާފައި ވަނީ ގައުމުގެ އިންޓީރިއާ މިނިސްޓަރާ ގުޅުން ހުރި ރިވޮލިއިޝަނަރީސް އޮފް ޓުރިޕޮލީ ނަމަކަށް ކިޔާ ހަތިޔާރު އެޅި ޖަމާއަތަކުންނެވެ.
ޖެނެރަލް ނޭޝަނަލް ކޮންގުރެސް (ޖީއެންސީ) ގެ ސެކިއުރިޓީ އެންޑް ޑިފެންސް ފޯސް އިން ވަނީ އެ މައްސަލަ "ވަރަށް ބޮޑަށް" ކުށްވެރި ކޮށްފަ އެވެ.
ޖީއެންސީ އިން އިތުރަށް ބުނި ގޮތުގައި ރިވޮލިއިޝަނަރީސް އޮފް ޓުރިޕޮލީ އިން ވަނީ އެ ކޮމިޝަންގެ ހެޑްކުއާޓާސް އަށް މީގެ ކުރިން ހަމަލާ ދީފަ އެވެ.
ދެހާސްސާދައިގައި އަސްކަރީ އެލައަންސްއަކުން ވަނީ ޓުރިޕޮލީ ގައި އޮތް ބައިނަލް އަގުވާމީ ދުނިޔެއިން ގަބޫލު ކުރާ ސަރުކާރު ވައްޓާލާފަ އެވެ.
އެ އަސްކަރީ އެލައަންސްއާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ ފަޖުރު ލީބިޔާ މިލިޓިއާއިން ބުނި ގޮތުގައި ހޯމަ ދުވަހު ވަގަށް ނެގި މިނިސްޓަރު އަދި ދޫކޮށްފައި ނުވެ އެވެ.
އޮކްޓޯބަރު 2011ގައި ލީބިޔާގެ އޭރުގެ ރައީސް މުއަމްމަރު ގައްޒާފީގެ ވެރިކަން އިދިކޮޅު ފަރާތްތަކުން ވައްޓާލުމަށްފަހު ލީބިޔާގެ ވެރިކަން ހޯދުމަށްޓަކައި ހަތިޔާރު އެޅި ގިނަ ޖަމާއަތްތަކުން ދަނީ ހަނގުރާމަ ކުރަމުންނެވެ.