02 Apr 2011, 11:59
މެދުމިން ވިސްނުމަށް ތާއިދުކުރާ އަދި އިސްލާމީ ރޫޙެއްގައި މަސައްކަތްކުރާ ޕާޓީއެއްގެ ބޭނުންތެރިކަން މިގައުމުގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ކަމަށާއި އަދާލަތު ޕާޓީއަކީ އެގޮތަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް އެޕާޓީން ބުނެފި އެވެ.
އަދާލަތުޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، އެ ޕާޓީ އަކީ މަޝްވަރާގެ ނިޒާމަށް ތާއިދުކުރާ، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ އަދި އަންހެނުންނާއި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރު ވެސް ކުރަމުންދާ ޕާޓީއެއް ކަމަށެވެ.
"އަދާލަތުޕާޓީ އަކީ ދުނިޔެއަށް އަންނަ ތަރައްގީއާއި ތަހުޒީބު ބަލައިގަންނަ، އަދި ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިފެހެއްޓިފައިވާ ރަނގަޅު ކަންތައްތައް ދަމަހައްޓަން މަސައްކަތްކުރާނެ ބައެކެވެ. ދީނާއި ގައުމުގެ ދިފާއުގައި އޮންނާނެ މުއައްސަސާއެކެވެ." އަދާލަތުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެޕާޓީން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުންދަނީ ތެދުވެރިކަމާއެކު ކަމަށާއި "ޕާޓީގެ އަޒުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އެދެމުންދާފަދަ ގޮތަކަށް ޕާޓީ ފެނިގެން ދިޔުން" ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހަށް އަދާލަތުގެ މެންބަރުން ވީހާވެސް ގިނައިން ހޮވުމަށް މަސައްކަތް ކުރާނެ ކަމަށާއި ހަމަ އެ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރަށްވުރެ ފުރިހަމަ، ބޮޑު ކާމިޔާބެއް ހޯދުމަށް އަޒުމްކުރާ ކަމަށް ވެސް އަދާލަތުން ބުނެފައި ވެއެވެ.
"އިރާދަކުރެއްވިއްޔާ، މި ކަންކަމުގެ ނަތީޖާ ރާއްޖޭގެ ސިޔާސީ މަސްރަޙުން ވަރަށް ފުރިހަމަައަށް ފެނިގެންދާނެއެވެ."
އަދާލަތު ޕާޓީން ބުނެފައިވަނީ، މިދަނޑިވަޅުގައި، ޕާޓީ އިތުރަށް ވަރުގަދަކުރުމަށްޓަކައި، ދެޖިންސުގެ ތައުލީމީ ޒުވާނުން އަދާލަތު ޕާޓީއާ ގުޅުން ވަރަށް މުހިންމު ކަމަށެވެ. އަދި ތައުލީމީ ޒުވާނުންނާއި ވީހާ ވެސް ގިނަ ރައްޔިތުން އެޕާޓީއަށް ވަނުމަށް ގޮވާލައިފައި ވެއެވެ.