ކުއްލިހާލަތަކީ ގައުމަށް ދިމާވާ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނުވަތަ ގައުމީ ސަލާމަތައް ދިމާވާ ނުރައްކަލެއްގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމާ ނިމުމެކެވެ. ކުއްލި ހާލަތުގެ ހާލަތުގައި އަސާސީ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތައް އުނިކުރެވޭއިރު ބައެއް ގާނޫނުތަކަށް ވަގުތީ ގޮތުން އަމަލުކުރުން ހުއްޓާލުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.

މިއަދު 12:00 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

މިހާލަތު އިއުލާންކޮށްފައި ވަނީ ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ބައެއް ހިސާބްތައް ބަލައި ފާސްކުރި އިރު ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރާއި ގޮވާ ތަކެތި ފެނިފައި ވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އަނިލް މިއަދު ވަނީ ވިދާޅުވި އެވެ. އެެއާ އެކު ބައެއް ހައްގުތައް މިވަނީ ހަނިކުރެވިފަ އެވެ.

ކުއްލި ނުރައްކަލިގެ ހާލަތު އިއުލާން ކުރުމާ އެކު ހަނިކުރެވޭ ހައްގުތައް:

މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން: އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށާއި ގާނޫނުން ހުއްދަ ލިބިގެން ނޫނީ އެއްވެސް މީހަކު ކުރާ ކަމަކަށް އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެ ކަމަށް އެމާއްދާގައިބުނެފަ އެވެ. އެމާއްދާގައި އެހެން ބުނެފައިވީ ނަމަވެސް ކުއްލި ހާލަތުގެ ހާލަތުގައި އެހައްގު ހަނިކުރެވެ އެވެ.

ޒާތީ ދިރިއުޅުން: ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާއި ކުރާ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންނެވެ. ހަމަ ކޮންމެ މީހަކުމެ އަނެކުންގެ މިބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ އެވެ.

ކުއްލި ހާލަތުގައި އެ ހައްގުތައް ވެސް ހަނިކުރެވިގެންދާނެ އެވެ. އެހެންކަމުން ކޯޓް އަމުރެއްނެތި މީހުންގެ ފޯންކޯލް ފަދަ މުއާމަލާތްތައް އަޑުއެހުމާއި ޗެކްކުރުމުގެ ފުރުސަތު ސަލާމަތީ ބާރުތަކަށް ލިބިގެންދެ އެވެ.

ހަޅުތާލުކުރުމުގެ ހައްގު: އިހްތިޖާޖުކުރުމަށް ޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫން ވެސް މަސައްކަތްތެރީންނަށް ލިބިގެންވެ އެވެ. ނަމަވެސް ކުއްލިހާލަތުގެ އެ ފުރުސަތު ލިބިގެންނުދެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން: ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާއިނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ.

ގާނޫނު އަސާސީން ލިބިދޭ އެހައްގުވެސް މިދަނޑިވަޅުގައި ހަނިވެގެންދެ އެވެ. އެހެންކަމުން ސިޔާސީ އެއްވުންތައް ވެސް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވިގެން ނުދާނެ އެވެ.

ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން: ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއަށް އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ.

ސަރުކާރުން ބޭނުންވާ ހިނދެއްގައި ފުރައިގެން ދިއުން މަނާ ކުރުމުގެ ފުރުސަތު މި ފުރުސަތުގައި ލިބިގެންދެ އެވެ.

ގާނޫނާއި ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން: ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް އަދި ބަންދުކޮށްގެން ނުވާނެ އެވެ.

ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން: އެކަށިގެންވާ ސަބަބެއް ނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި ފާސްކޮށް މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގަނެގެން ނުވާނެއެވެ.

ކުއްލި ހާލަތުގެ މިދަނޑިވަޅުގައި މީހުން ހައްޔަރުކުރާއިރު އާއި ގޭގޭ ބަލާ ފާސްކުރާއިރު ކޯޓް އަމުރަކާއި ނުލައި އެކަންކުރުމުގެ ބާރު ލިބިގެންދެ އެވެ.

މިފަދަ ހާލަތުގައި އަސާސީ ބައެއް ހައްގުތައް ހަނިކުރެވިގެންދިޔަ ނަމަވެސް ބައެއް ހައްގުތައް ހަނި ކުރެވިގެން ނުދާނެ ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިދަނޑިވަޅުގައި ވެސް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ކުއްލި ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް މަގުތަކަށް ނުކުމެ އުޅުން މަނާވެގެންނުދާ ކަމަށެވެ. ހަމައެހެންމެ މީހަކުން ހައްޔަރުކުރެވިގެންދާނީ ވެސް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާންކުރެއްވި ގަރާރު 48 ގަޑިއިރު ތެރޭ މަޖިލީހަށް ހުށައަޅަންޖެހޭނެ ކަމަށް ގާނޫނު އަސާސީން ބުނެ އެވެ. އެގޮތުން އެގަރާރަށް އަމަލުކުރާނެތޯ ނުވަތަ ނުކުރާނެތޯ ނުވަތަ އަމަލު ކުރާނީ ގަރާރުގެ ވަކި ބަޔަކަށްތޯ ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ.