04 Nov 2015, 17:09
ދެކުނު ސޫދާނުގެ ޖޫބާގެ އެއާޕޯޓުން މިއަދު ނައްޓާލި ރަޝިއާގެ ކާގޯ ބޯޓު އަންޓޮނޮވް-12 އެއާޕޯޓު ކައިރީ އޮންނަ ވައިޓް ނައިލް ރިވާ ކައިރިއަށް ވެއްޓި 41 މީހަކު މަރުވެއްޖެ އެވެ.
ބޯޓުގެ އެއް ކުރޫ މެމްބަރަކާއި ކުޑަކުއްޖަކު ސަލާމަތްވި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ޖޫބާގެ މޫސުން ހުރި ގޮތުން މީހުން ސަލާމަތް ކުރުމަށް ދަތި ވެފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެ އެވެ.
"ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މީހުން ހޯދުމަށް ދަތިވޭ. އެ ކާގޯ ބޯޓުގައި ފަސިންޖަރުން ތިބި އަދި ބެލެވޭ ގޮތުގައި ގިނަ މީހުން ތިބީ ސީޓް ބެލްޓު ނާޅާ. ލަފާ ކުރެވޭ ގޮތުގައި ބޯޓުގައި ތިބީ 10 ނުވަތަ 15 ފަސިންޖަރުން. ބޯޓުގައި ތިބި މީހުންގެ އަދަދު ދަނީ ޔަގީން ކުރަމުން،" އަލް ޖަޒީރާގެ ރިޕޯޓަރު ހިބާ މޯގަން ބުންޏެވެ.
މީގެ އިތުރުން، ބޯޓު ވެއްޓުނު ސަރަހައްދުގައި މަސްވެރިން ހަރަކާތްތެރި ވަމުން ދިޔަ ކަމަށާއި އޭގެ ތެރެއިން މަރުވީ ކިތައް މީހުންކަން އަދި ނޭގޭ ކަމަށް އޭނާ ބުންޏެވެ.
ދެކުނު ސޫދާނުގެ މީޑިއާ އިން ބުނި ގޮތުގައި ބޯޓުގައި ތިބީ ރަޝިއާގެ ފަސް ކުރޫ މެމްބަރުންނާއި ހަތް ފަސިންޖަރުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ރަޝިއާގެ އެހެން ބޯޓެއް ވަނީ މިސްރުގެ ސައިނާ އަށް ވެއްޓިފަ އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 224 ވަނީ މަރުވެފަ އެވެ.