04 Nov 2015, 17:03
ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވިޔަސް ގައުމު އޮތީ ހިމޭންކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހާލަތު ' ނޯމަލް' ކަމަށެވެ.
"... ކުއްލި ހާލަތު އިއުލާންކުރި ކަމުގައި ވިޔަސް ރާއްޖޭގެ ހާލަތު އޮތީ ހިމޭންކޮށް، އަދި ނޯމަލް ކޮށެވެ،" ފޮރިން މިނިސްޓްރީގެ ޓުވީޓްގައިވެ އެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރެއްވީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާގުގައި ބުނެފައިވެ އެވެ.
އެ ގަރާރުގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ހާދިސާއަށް ފަހު ފުލުހުންނާއި ސިފައިން ހިންގާ ޚާއްސަ އޮޕަރޭޝަންގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާތާއި ގޮވާތަކެތި ފެނިފައިވާ ކަމަށެވެ. އަދިވެސް ބައެއް ހަތިޔާރުތައް ފެނިފައިނުވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ދަށުން އެ ގަރާރު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށެވެ.
ގާނޫނު އަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ދައުރެއްގައި އެ ގަރާރު ހުށަހަޅައިފި ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަންވާނެ އެވެ.
އެ ގަރާރު އެއްކޮށް ފާސްނުކޮށް އޭގެ ވަކި ބައެއް ފާސްކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ގާނޫނު އަސާސީން ލިބިދިފަ އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެ ގަރާރުގެ ދަށުން ހައްގުތައް ހިފަހައްޓާނީ އެ ހާލަތެއްގައި އެހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓަން ޖެހޭ މިންވަރަށް ކަމަށެވެ.
ކާފިޔު ހިންގުމާއި ވަކިވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށްފައިނުވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.