04 Nov 2015, 17:21
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ހުށަހެޅުމާއެކު ބަޖެޓު ބަހުސް ފެށޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމެޓީން ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުލީ 62 މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓާއެކު އެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓުލާފައި ވަނީ 13 މެމްބަރުންނެވެ.
އެ ގަވާއިދުގައި ކުރިން ބުނެފައި ވަނީ ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެހެން ބުނެފައިވާ ގަވާއިދު ވަނީ ކޮމިޓީން އުނިކޮށްފަ އެވެ.
އެހެންކަމުން މަޖިލީހަށް ފިނޭންސް މިނިސްޓަރު ވަޑައިގެން ބަޖެޓު ހުށަހަޅާ ދުވަހު ބަޖެޓު ބަހުސް ފެށޭނެ އެވެ.
ހޯމަ ދުވަހު އޮތް އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އިތުރު އިސްލާހެއް ވެސް ގަވާއިދަށް ވަނީ ގެނެސްފަ އެވެ. ގަވާއިދުގައި ކުރިން ބުނެފައި ވަނީ ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ބޭނުންވާ މެމްބަރުންނަށް އެކަމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ، ބަޖެޓް ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމަށެވެ.
ނަމަވެސް އާއްމު ކޮމެޓީން ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ބަޖެޓުގެ ބަހުސް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި، ބަޖެޓާ ގުޅޭ މައުލޫމާތު ބޭނުންވާ މެމްބަރަކަށް ފިނޭންސް މިނިސްޓަރު އެ މައުލޫމާތު ދެއްވަން ވާނެ ކަމަށެވެ.
އެ ދެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ތާރީހު ވަނީ ފަސްކޮށްފަ އެވެ. މިހާރު މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހު ކަމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ.