ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނައިބުރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ގާނޫނު އަސާސީ ލިބިދޭ 14 ދުވަހުގެ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި އެވެ.

މަޖިލީހަށް ޖަވާބު ދާރީވުމަށް ނައިބު ރައީސަށް ލިބިދޭ 14 ދުވަހުގެ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފައި މި ވަނީ މިއަދު ރައީސް ޔާމީން އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގަ އެެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ 14 ދުވައހުގެ މުއްދަތު ހަތް ދުވަހަށް ކުޑަކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާ

• މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސްކުރިން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ އެވެ. އަދި އެބަހުސުގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެ އެވެ. އަދި ގާނޫނީވަކީލުން ބޭނުންކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ނައިބު ރައީސްއަށް ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހު 28 ވަނަދުވަހުއެވެ. ނޯޓިސް ދިންތާ މިއަދަށް އަށްދުވަސް ހަމަވެފައިވާއިރު މަޖިލީހުގައި އަދި އެމައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށްފައި މިވަނީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި އާންމު މީހުންގެ އަތުން ފެންނަމު ދާތީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ބަލާ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ. އަދި ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ މިއަދު މެންދުރު 12 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށެވެ.