ރ. އުގޫފާރަށް ދަތުރުކުރަމުން ދިޔަ ފެރީއެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ 9:30 އެހާ ކަންހާއިރު އުނގޫފާރަށް ދަތުރުކުރަމުންދިޔަ ފެރީއެއް ނެރު ތޮށިގަނޑުގައި ޖެހި އެކްސިޑެންޓެއްވި ކަމަށާއި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ފެރީއެއްކަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ފެރީއެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި 10 މީހަކަށް އެކިވަރުގެ ކުދިއަނިޔާ ލިބިފައިވާ ކަމަށާއި އެ މީހުންނަށް މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

"އެކި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ހުރީ. ބައެއް މީހުންގެ ނޭފަތާއި ދަތް ދޮޅި ފަޅައިގެން ގޮސް ލޭއައިސްފަ ހުރީ ތަންތާ ޖެހިގެން. އެންމެނަށްވެސް އެމެޖެންސީކޮށްފަރުވާ ދެމުން ދަނީ" އޮފިޝަލު ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.