ރައިސުލްޖުމުހޫރިއްޔާ މިއަދު މުޅި ރާއްޖެ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއިލާންކޮށްފައިވާތީ އެފްއޭއެމް އިން ހިންގަމުން އަންނަ ހުރިހާ ކުޅިވަރު މުބާރާތްތަކެއް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އެފްއޭއެމް އިން މިއަދު ނެރިފައިވާ ނޫސްބަޔާނެއްގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީވެ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ މެޗްތައް އެ މިނިސްޓްރީ އިން ވަކިގޮތެއް އަންގަންދެން މެދުކަޑާލުމަށް އަންގައިފަ އެވެ.

އެފްއޭއެމް އިން ވަނީ އެ އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ އުރީދޫ ދިވެހި ޕްރިމިއާ ލީގު، ޒޯން ނުވައެއް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި މިނިވަން 50 ޗެމްޕިއަންޝިޕް ވެސް އެ އެސޯސިއޭޝަނުން ވަކިގޮތަކަށް އަންގަންދެން ފަސްކޮށްފަ އެވެ.

ލީގުގެ ކުޅުން މެދުކަނޑާލި އިރު، ލީގުގައި މިއަދު ދެ މެޗު ކުޅުމަށް އޮތީ ހަމަޖެހިފަ އެވެ. ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރަން އޮތް އިރު، ލީގުގައި މިރޭ ކުޅެން އޮތީ ބީޖީ ސްޕޯޓްސް އާއި ކްލަބް އީގަލްސް އެވެ.

މިއީ މި ސީޒަންގައި ލީގު މެދުކަނޑާލި ތިން ވަނަ ފަހަރެވެ. އެކި ސަބަބުތަކާ ހުރެ މި ސީޒަން ދިގުދެމި، މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ކްލަބުތަކުން ވަނީ ބުނެފަ އެވެ.