04 Nov 2015, 17:24
ދުނިޔޭގެ އެންމެ ބޮޑު ކޮމްޕިއުޓަރު ގޭމް ކުންފުނި ކަމަށްވާ "އެކްޓިވިޝަން" އިން މަޝްހޫރު ސްމާޓްފޯން ގޭމެއް ކަމަށްވާ "ކެންޑީ ކްރަޝް" އުފެއްދި ކުންފުނި ކަމަށްވާ "ކިންގް ޑިޖިޓަލް އެންޓަޓެއިންމެންޓް" 5.9 ބިލިއަން ޑޮލަރަށް ގަނެފިއެވެ.
އެކްޓިވިޝަން އިން ދެކޭގޮތުގައި ކެންޑީ ކްރަޝް ފަދަ މަގުބޫލު ގޭމެއް އުފައްދާ ކުންފުނި ގަތުމުން އެކްޓިވިޝަން އަކީ އިންޓަރެކްޓިވް އެންޓަޓެއިންމެންޓްގެ ދާއިރާއިން ދުނިޔޭގެ ލީޑަރު ކުންފުންޏަކަށް އެކުންފުނި ވެގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ދެ ކުންފުނީގެ އެއްވުމާއެކު ޖުމްލަ 198 ގައުމުން އެއްބިލިއަން އެކްޓިވް ޔޫޒާސް އެކްޓިވިޝަން އަށް ލިބިގެން ދާނެ ކަމަށެވެ.
ދެ ކުންފުނީގެ އެއްވުމާއެކު ދެ ޖިންސުގެ ގޭމު ކުޅޭ ފަރާތްތައް ގިނަވެގެން އަންނާނެ ކަމަށް އެކްޓިވިޝަން އިން ވަނީ ބުނެފައެވެ. އެގޮތުން ކެންޑީ ކްރަޝްގެ 60 ޕަސެންޓު ޔޫސަރުންނަކީ އަންހެނުންނަށް ވުން އެއީ ސަބަބެއް ކަމަށް އެކްޓިވިޝަން އިން ވަނީ ބުނެފައެވެ.
އެކްޓިވިޝަންގެ "ކޯލް އޮފް ޑިއުޓީ" ގޭމަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮންސޯލް ގޭމެވެ. އަދި ކިންގް އެންޓަޓެއިންމެންޓްގެ ކެންޑީ ކްރަޝް އަކީ މޯބައިލްތަކުގައި އެންމެ މަގުބޫލު އެއް ގޭމެވެ. އެހެން ކަމުން އެކްޓިވިޝަންގެ އަތުގައި މިހާރު ކްރޮސް ޕްލެޓްފޯމްގެ އެންމެ މަގުބޫލު ގޭމުތައް އެބަހުއްޓެވެ.