04 Nov 2015, 16:27
ރާއްޖޭގެ އެކި ހިސާބުތަކުގައި އާންމުންގެ އަތުގައި ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ހުރިކަމަށް ބެލެވޭ ކަމަށް ފުލުހުންނާއި ސިފައިން ބުނެފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ނެރެފައިވާ ސްޓޭޓްމަންޓެއް ހިއްސާކުރުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަބްދުﷲ ނަވާޒް ވިދާޅުވީ، ފުލުހުންނާ ސިފައިން ގުޅިގެން މިހާތަނަށް ހިންގާފައިވާ ތަހުގީގުތަކާއި ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް، އާންމުން އަތުގައި އިތުރު ހަތިޔާރު ހުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ނަވާޒް ވިދާޅުވީ، ތަހުގީގުތަކަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު، ރާއްޖެ އިން ފެނިފައި މިވަނީ ހަމައެކަނި "ބޭރުތެރެއަށް ދޫވެފައި ހުރި" ހަތިޔާރުތަކެއް ނޫންކަމަށެވެ.
"ތަހުގީގުތަކަށް އަދި ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު، ފެނިފައި މިވަނީ ހަމައެކަނި އަދި ބޭރުތެރެއަށް ދޫވެފައި ހުރި ހަތިޔާރުތަކެއް ނޫންކަން. އަދި މި ހަތިޔާރުތައް އާންމުބައެއްގެ އަތުގައި ހުރިކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުންނާ ސިފައިން ދެކެން،" އޭސީޕީ ނަވާޒް ވިދާޅުވި އެވެ.
މިހާރު ވެސް ފުލުހުންނާއި ސިފައިން ގެންދަނީ މާލެތެރެ އާއި ރާއްޖޭގެ އެހެން ހިސާބެއްކަމުގައިވީ ނަމަވެސް އެ ހަތިޔާރުތައް ހުރި ތަންތަން ހޯދައި އެ ހަތިޔާރުތައް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ނަވާޒް ވިދާޅުވި އެވެ.
"މިގޮތަށް ބަޔަކު މީހުން އަތުގައި ހަތިޔާރު ނުވަތަ ގޮވާތަކެތި ހުރުމަކީ ވަރަށް ބޮޑަށް ރާއްޖޭގެ ރައްޔިތުންނަށާއި އަމަން އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ފުލުހުންނާއި ސިފައިން ދެކެން،" ނަވާޒް ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުން މިހެން ބުނެފައިވާ އިރު، ބ. ހިބަޅިދޫ އިން ވަނީ ހަނގުރާމަވެރި ހަތިޔާރު ފެނިފަ އެވެ. އަދި މިމަހު ދެވަނަ ދުވަހު މުލިއާގެ ކައިރީ އޮތް ވެހިކަލެއްގައި ބާރުގަދަ ގޮއްވާލުމެއް ގޮއްވާލުމަށް ބެނުންކުރެވިދާނެ ބާވަތެއްކަމަށްވާ އައިއީޑީ އެއް ވެސް ވަނީ ފެނިފަ އެވެ.
މި ކަންކަމާ ގުޅިގެން ރާއްޖޭގައި މިހާރު ވަނީ 30 ދުވަހުގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފަ އެވެ.