ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމަށް ޑރ. ހާލާ ހަމީދު އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ފަހުން ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށްފަހު 2013 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވެވިއެވެ.

އެއަށްފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައިވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފައެވެ.

ނަމަވެސް ރައީސް ޔާމީން މިދިޔަ މަހު ފަހުކޮޅު ވަނީ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޑރ. ހާލާ ބަދަލުކުރައްވާފަ އެވެ.