ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ތިން އަންހެން މެމްބަރަކާ ގުޅިގެން މުޅި މަޖިލީހުގެ "ބުރުސޫރަ" ގެއްލިފައިވާ ކަމަށް މަޖިލީގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި ރިޔާޒު އެހެން ވިދާޅުވެފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުންނެވެ. ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ހައްގުގައި ވާހަކަ ދައްކަން ތިބީ 20 މެމްބަރުން ކަމަށާއި އެ މަސައްކަތް ހުއްޓުވުމަށް މަޖިލީހުގައި ތިބި "ބޮޑެތި ފަލަ ފިރިހެނުން" މަސައްކަތް ކުރަމުންދާ ކމަށެވެ.

"އަޅުގަނޑުމެންނަށް ކިތަންމެ ފުރައްސާރަ ކުރިޔަސް އަދި ކޮންމެ އުނދަގުލެއް ކުރިޔަސް އަޅުގަނޑުމެންގެ މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ އަނގަ ބަންދު ކުރެވޭނެ އެއްވެސް ކަމެއް މަޖިލީހަކުން ނުކުރެވޭނެ. އަޅުގަނޑުމެންގެ މަސައްކަތް ހުއްޓުވުމަށް މިތަނުގެ ބޮޑެތި ފަލަ ފިރިހެނުން ދުވި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މަސައްކަތް ކުރާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ ފިރިހެން މެމްބަރުން އެއްޗެކޭ ބުނެގެން މަޖިލީހުގައި ތިއްބެވި "ތިން އަންހެން ކުދިން" ހިތަށް ތަދުވެގެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރައްވާ އަންހެން ތިން މެމްބަރުނަކީ ކޮބައިކަމެއް ނޭނގެ އެވެ.

"އަޅުގަނޑުމެން އެންމެ ރީތި އަހުލާގެއް ގެންގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމުގައިވާ ނަމަ އެއްވެސް މައްސަލައެއް ނުކުންނާކަށް ނުޖެހޭނެ. މަޖިލީހުގެ މަދު އަންހެން ކުދިން ކޮޅަކާ ހެދި މުޅި މަޖިލީހުގެ ބުރުސޫރަ ގެއްލިއްޖެ. މިއަދުގެ މަޖިލީހުގައި އެ މެމްބަރުން ވާހަކަފުޅު ދައްކަވަމުން ގެންދިޔައީ ވާހަކަ އޮޅޭ ގޮތަށް ނިޒާމީ މައްސަލަތަކުގެ ތެރެއިންނާއި އެހެން ގޮތްގޮތަށް. މިތާ ތިބޭ ތިން ކުދިންގެ ވާހަކަ މި ދައްކަނީ، " ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އަންހެން ފަސް މެމްބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.