04 Nov 2015, 16:53
ޓޫއަރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރަށް މަޖިލީހުން ރުހުން ދެއްވުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުން މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޒަމީރަކީ ރައީސް ޔާމިން ޕީއޭ ހިންގެވި އިރު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ޒަމީރު އައްޔަން ކުރެއްވި އިރު ނައިބު ރައީސް ކަމަށް އަހުމަދު އަދީބު މިދިޔަ ޖުލައި 22ގައި އައްޔަން ކުރެއްވުމާ އެކު އެ މިނިސްޓްރީގައި މިނިސްޓަރަކު ނެތެވެ. އޭގެ ބަދަލުގައި މިނިސްޓްރީ ހިންގެވުން ހަވާލުކުރެއްވީ އަދީބާ އެވެ. ނަމަވެސް ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބު ވަނީ ހައްޔަރުކޮށްފަ އެވެ.
އާދަމް ޝަރީފު ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ކުރިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރީފު މީގެ ކުރިން މުޅިންވެސް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ މަގާމުތަކުގަ އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ ޖަލީލް މިދިޔަ އޮކްޓޯބަރު 14 ގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.